ނޮޅިވަރަމް ދާއިރާގެ މެމްބަރު ކާނަލް ނަޝީދު ޑީއާރުޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، ކާނަލް ޑީއާރުޕީއަށް ސޮއިކުރައްވައިފިއެވެ.
ޑީއާރުޕީ ހަރުގޭގައި މިރޭ އެޕާޓީއަށް ސޮއިކުރެއްވުމަށްފަހު ކާނަލް ވިދާޅުވީ އެމްޑީޕީ ދޫކުރައްވައި ޑީއާރުޕީއަށް ސޮއިކުރެއްވީ އެމްޑީޕީގައި އަހުލަގީގޮތުން ބަލައި ނުގަނެވޭ ކަންތައްތަކެއް ހުރުމުންކަމުގައެވެ. ކާނަލް މިރޭ ޑީއާރުޕީއަށް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.
ކާނަލް ކުއްލި ގޮތަކަށް ޑީއާރުޕީއަށް މި ސޮއިކުރެއްވީ އިއްޔެ ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރުކަމަށް ވާދަކުރައްވާ ފެއިލްވެވަޑައިގެންފައި ވަނިކޮށެވެ. ޕީޖީ ގްރޫޕްގެ ދެމަޤާމަށް ހަތަރު ބޭފުޅަކު ވާދަކުރެއްވިއިރު އެންމެ މަދުން ވޯޓް ލިބިފައިވަނީވެސް ކާނަލް އަށެވެ. ކާނަލްއަށް ލިބިވަޑައިގެންނެވީ އެންމެ ފަސް ވޯޓެވެ.
ކާނަލް އެންމެ ފުރަތަމަ މަޖިލީހަށް ވަޑައިގެންނެވީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެވެ. 2007 ވަނަ އަހަރު ބޭއްވި ހާއްސަ މަޖިލީހުގެ ބައި އިލެކްޝަނުގައި ކާނަލް މާލޭ މެމްބަރުކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައިގެން 7000 އަށްވުރެ ގިނަ ވޯޓުންނެވެ. ނަމަވެސް އޭގެފަހުން ކާނަލްވަނީ އެމްޑީޕީ ދޫކުރައްވާ ސޯޝަލް ލިބަރަލް ޕާޓީއަށް ވަޑައިގަންނަވާފައެވެ.
ކާނަލް ފަހުން އެމްޑީޕީއަށް ވަޑައިގެން އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 2009 ވަނަ އަހަރުއެވެ. އެމްޑީޕީގެ ޓިކެޓްގައި ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ކާނަލްވަނީ ފަހުން އެމްޑީޕީގެ އާއްމު ޖަލްސާތަކުގައި ވިދާޅުވެފައިވަނީ އެގޮނޑި އެމްޑީޕީއަށް ހޯއްދަވާދެއްވީ ކުރިން އެޕާޓީ ދޫކުރައްވާ ވަޑައިގެންނެވުމުގެ ކައްފާރާއެއްގެ ގޮތުގައި ކަމުގައެވެ.
ކާނަލް އަކީ އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވަޑައިގެންނެވުމަށްފަހު އެޕާޓީ ދޫކުރައްވާ ވަޑައިގެންނެވި މަޖިލީހުގެ ދެވަނަ މެމްބަރެވެ. މީގެކުރިން ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ޝިފާޤް މުފީދުވަނީ އެމްޑީޕީ ދޫކުރައްވާ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ. ޝިފާޤަކީވެސް އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވަޑައިގެންނެވި މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ