އެންމެބޮޑު ރައްކާތެރިކަމެއް ލިބެން ޖެހޭނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް: އަބްދުﷲ ގާޒީ

ކޯޓުތަކުގައި މަސައްކަތްކުރާ ގާޒީންގެ ތެރެއިން އެންމެ ބޮޑު ހިމާޔަތަކާއި ރައްކާތެރިކަމެއް ދޭން ޖެހޭނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ކަމަށް އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ. ކްރިމިނަލް ކޯޓުގެ އަހަރީ ޖަލްސާގައި އަބްދުﷲ ގާޒީ ވިދާޅުވީ އެންމެ ބޮޑު ހިމާޔަތެއް ދޭން ޖެހޭ ބަޔަކީ ކްރިމިނަލް ކޯޓުގެ ގާޒީންކަން ޝަރުއީ ދާއިރާ ހިންގެވުމާ ހަވާލުވެ ތިއްބެވި ފަރާތްތަކުންނާއި ދައުލަތުގެ އިދާރާތަކުން މިއަދު ގަބޫލުކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެކަން ދަންނަ ބަޔަކު ތިބިތޯ ސުވާލު އުފެދޭ ކަމަށެވެ. "ދިވެހި ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތްކުރާ ގާޒީންގެ ތެރެއިން ހުކުރު ހަފްތާގެ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކާއި ރޭގަނޑުގެ މެންދަމުގެ ވަގުތުތަކުގައި ގައުމީ ހިދުމަތުގައި މަސައްކަތްކުރާ ބަޔަކު ކްރިމިނަލް ކޯޓުގެ ގާޒީންނާއި މުވައްޒަފުން ފިޔަވައި ނުތިބޭނެ. މުޅި ޖުޑިޝަރީ ނިދާފައި އޮންނައިރު ކްރިމިނަލް ކޯޓު އޮންނަނީ ހޭލާ. މިކަން މި ގައުމުގައި ދަންނަނީ ކާކުތޯ، މިކަމަށް ސަމާލުވަނީ ދައުލަތުގެ ކޮން މުއައްސަސާއަކުންތޯ މިއީ އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލެއް،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި އަބްދުﷲ ގާޒީ ވަނީ އޭނާ ހައްޔަރުކުރި މައްސަލާގައި ދައުވާކުރި މީހުންގެ މައްސަލަތައް ނިންމާފައިވާ އަވަސްކަން ފާހަގަކުރައްވައި، އެކަމަށް ސާބަސް ދެއްވައިފަ އެވެ. "(ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން) ދިވެހިރާއްޖޭގެ ދިފާއީ ބާރުތައް ކޮޅަށް ޖަހައި، ޖަސްޓިސް ބިލްޑިންގައި ފެންސް ޖަހައި، ސްކޭން މެޝިން ބަހައްޓައި، މުޅި ގައުމު އެލާޓަށް ގެނެސް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެން ތިން އަހަރުން ނިމުމަކަށް ނުގެނެވުނު ޝަރީއަތް އެންމެ 19 ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި ފައިސަލާ ކުރުވަނިވި ހުކުމާ ހަމައަށް ގެނައީ ކްރިމިނަލް ކޯޓުގެ އިސް ގާޒީންނާއި މުވައްޒަފުން،" ރައީސް މުހަންމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމްގެ މައްޗަށް ޖަލު ހުކުމް އައި ޝަރީއަތްތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ހާއްސަ ރައްކާތެރިކަމާއި އިނާޔަތްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ. "ކަންކަން ކުރުމަށް ދިވެހިރާއްޖޭގެ ޖުޑިޝަރީ ނުކުޅެދިއްޖެ ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުކުރެވޭ މިންވަރަށް ހާލަތު ގޮސްފައިވަނިކޮށް ދިވެހިރާއްޖޭގެ ޖުޑިޝަރީ އޮތީ ހޭލާކަމާއި ޖުޑިޝަރީގެ ގާބިލުކަމާއި ފޯރުންތެރި ކަމަށް ކުޑަ ވެސް ބުރުލެއް އަތުވެއްޖެ ނަމަ އެކަންކަން ހަމަމަގަށް އެޅުވުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދެއްވައި އެކަން އަމަލީ ގޮތުން ކޮށްދެއްވި ކަމަށްޓަކައި ކޯޓުތަކުގެ ގާޒީންނަށާއި މުވައްޒަފުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ. ވޭތުވެދިޔަ އަހަރު ކްރިމިނަލް ކޯޓުގައި މަަަސައްކަތްކުރެއްވި ގާޒީންގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ނިންމެވި ގާޒީ އަކަށް ގާޒީ ސައީދު އިބްރާހިމް ހޮވިވަޑައިގެންފައިވާއިރު ހާޒިރީ އަށް އެންމެ ރަނގަޅު ގާޒީގެ ގޮތުގައި ފާހަގަ ވެފައި ވަނީ ގާޒީ އަހްމަދު ސަމީރު ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ. އެ ދެ ގާޒީންނަށާއި ގަޑިނުޖެހި ހުރިހާ ދުވަސްތަކެއްގައި އޮފީހަށް ދިޔަ މުވައްޒަފުންނަށް ވަނީ އެކަމުގެ ހަނދާނީ ލިޔުންދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ