ނައިފަރު ދާއިރާގެ އިންތިޚާބު ބާތިލްކުރަން ކޮމިޝަނުން ދެކޮޅެއް ނެހެދި

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ އިންތިޚާބު ބާތިލްކުރަން ޖުމްހޫރީ ޕާޓީން ހައި ކޯޓަށް ހުށަހަޅާފައިވާ ދައުވާއަށް ދެކޮޅު ނަހަދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި މިއަދު ބުނެފި އެވެ. ޖުމްހޫރީ ޕާޓީން އެ މައްސަލަ ހުށަހެޅީ އެ ޕާޓީގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހުމަދު މުހައްމަދަށް ނާކާމިޔާބުވުމުންނެވެ. އިންތިޚާބު ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޝިޔާމެވެ. އަމިއްލަ ގޮތުން ހޮވުނު ނަމަވެސް އޭނާ ފަހުން ވަނީ ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން އެދުނީ މަނާ ގަޑިތަކުގައި ޝިޔާމްގެ ފަރާތުން ކެމްޕެއިނާއި އެންޓި ކެމްޕެއިންކޮށް، ދޮގު އެސްއެމްއެސްތަކެއް ފޮނުވި ކަމަށް ބުނެއެވެ. ދައުވާ އިއްވުމާ އެކު މިއަދު އޮތް އަޑުއެހުމުގައި އެ ދައުވާއަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ އެ މައްސަލަ ޖޭޕީގެ ފަރާތުން ކޮމްޕްލެއިންޓްސް ބިއުރޯއަށް ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް އެކަމާ މެދު މިހާތަނަށް ގޮތެއް ނިންމިފައި ނުވަނީ އެ މައްސަލައާ ބެހޭ އިތުރު ކަންތައްތަކެއް ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ އެ އެސްއެމްއެސްތައް ލިބިފައިވަނީ ކިހާ ބަޔަކަށްކަން ބަލަންޖެހޭ ކަމަށާއި އެކަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޝަނުން އެދެނީ ޝަރީއަތުން ވަކި ގޮތެއް ނިންމައި ދިނުމަށް ކަމަށް ސުއޫދު ވިދާޅުވި އެވެ. މީގެ އިތުރުން ޖޭޕީގެ ކެންޑިޑޭޓް އަހުމަދު މުހައްމަދުގެ ނަމުގައި ވެސް ދޮގު އެސްއެމްއެސްތަކެއް ފޮނުވާފައި ހުރި ކަމަށް ބެލެވޭ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އެގޮތަށް އެކަން ހިންގާފައިވާ ނަމަ އެއީ ކެމްޕެއިން ކުރުމުގެ ސުލޫކާ ޚިލާފް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހަނީފާ ޚާލިދު ވިދާޅުވީ އެސްއެމްއެސްތައް ފޮނުވާފައި ހުރީ ކެމްޕެއިން ކުރުން މަނާ ގަޑިތަކުގައި ކަމަށް އެ އެސްއެމްއެސްތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ދިނުމަށް ފަނޑިޔާރުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ. ދައުވާ އިއްވަވަމުން ޖޭޕީގެ ވަކީލް މުހައްމަދު ހަލީމް ވިދާޅުވީ މަނާ ގަޑިތަކުގައި ޝިޔާމްގެ ފަރާތުން އެންޓި ކެމްޕެއިންކޮށް، އޭނާއަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ކޯލިޝަނުން ތާއިދުކުރަނީ ޝިޔާމަށް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އަހުމަދު މުހައްމަދު އަދި ޕީޕީއެމްގެ ނަމުގައި ވެސް ދޮގު އެސްއެމްއެސްތަކެއް ފޮނުވި ކަމަށް ހަލީމް ވިދާޅުވި އެވެ. އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށާއި އެހެންކަމުން އެ ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދޭން އެދޭ ކަމަށް ހަލީމް ވިދާޅުވި އެވެ. އެކަންކަން ސާބިތުކޮށް ދިނުމަށް އޭނާ ވަނީ އެސްއެމްއެސްތަކާއި ދެ ހެކިވެރިއެއްގެ ނަން ޝަރީއަތަށް ހުށަހަޅައިފަ އެވެ. ދައުވާއާ މެދު އިލެކްޝަންސް ކޮމިޝަނުން އިންކާރު ނުކުރި ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ޖޭޕީގެ ވަކީލާ ސުވާލުތައް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން އެސްއެމްއެސްގައި ބުނާ ގޮތަށް ވޯޓު ނުދިންނަމަ ވާނެ ގެއްލުމެއް އެ އެސްއެމްއެސްގައި ބުނެފައި އެބައޮތްތޯ ސުވާލުކުރެއްވުމުން ހަލީމް ވިދާޅުވީ އެގޮތަށް ބުނެފައި ނެތް ކަމަށެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުން ތާއިދުކުރަނީ ޝިޔާމަށް ކަމަށް އެ އެސްއެމްއެސްގައި އޮތުމުން އެއިން ދޭހަވަނީ ޝިޔާމަށް ވޯޓު ނުދީފި ނަމަ އެ ދާއިރާއަށް ތަރައްގީ ނުލިބޭނެކަން ކަމަށް ހަލީމް ވިދާޅުވި އެވެ. ދެ ފަރާތުގެ ވާހަކަތަކަށް ފަހު ބެންޗުން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ނަމަވެސް ހެއްކަކު ހާޒިރުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނޫންނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. ފަނޑިޔާރު އަލީ ސަމީރު ބެންޗުގެ ރިޔާސަތު ބަލަހައްޓަވާއިރު ދެން ތިއްބަވަނީ ފަނޑިޔާރު ޔޫސުފް ހުސައިންގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ