ގައްދޫ މިސްކިތުގެ މަސައްކަތް ނުފެށުމަށް ކޯޓުން އަމުރުކޮށްފި
ގދ. ގައްދޫ ބަނދަރު ސަރަހައްދުގައި މިސްކިތެއް ހަދަން ގައްދޫ ދާއިރާ ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަށް ރަށު ކައުންސިލުން ދިން ބިމުގައި މިސްކިތް އެޅުމުގެ އެއްވެސް މަސައްކަތެއް ނުފެށުމަށް އެ ރަށު ކޯޓުން ބުރާސްފަތި ދުވަހު އަމުރުކޮށްފި އެވެ. ބަނދަރު ސަރަހައްދުގައި އެ ސަރަހައްދަށް އެކަށީގެންނުވާ ވަރުގެ ބޮޑު މިސްކިތެއް އަޅާ ނަމަ ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅޭނެ ކަމަށް ބުނެ ދައުވާ ކޮށްފައި ވަނީ އެ ރަށު ކުރީގެ ކަތީބު ކަފިދޫ، މުހައްމަދު ޝަހީދެވެ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދު ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ ބަނދަރު ސަރަހައްދުގައި މިސްކިތެއް އެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ކައުންސިލް އިދާރާގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގައި ހުކުމް ކުރަންދެން، މިސްކިތް އެޅުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށެވެ. "... މި ދައުވާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅައި އެންގުމުގެ ކުރިން ޒާހިރު އާދަމް އެ ބިމުގައި އެއްވެސް މަސައްކަތެއް ނުކުރުމަށާއި އަދި އެއްވެސް މަސައްކަތެއް ކުރެވިގެން ނުވާނެ ކަމަށް ޒާހިރު އާދަމަށާއި ގައްދޫ ކައުންސިލްގެ އިދާރާއަށާއި މޯލްޑިވްސް ޕޮލިސް ސާވިސް / ގައްދޫ ޕޮލިސް ސްޓޭޝަނަށް އަންގައި އަމުރު ކުރަން،" އެ އަމުރުގައިވެ އެވެ. އެ އަމުރު ކޯޓުން ނެރުމާ ގުޅިގެން އެ އަމުރު އަނބުރާ އިޔާދަކުރުމަށް އެދިވަޑައިގެން ގައްދޫ ޒާހިރު ވަނީ ކޯޓަށް ސިޓީއެއް ލިޔުއްވައިފަ އެވެ. އެ ސިޓީގައި ޒާހިރު ވިދާޅުވެފައި ވަނީ އޭނާއާ މުޚާތަބުކޮށް އެ އަމުރު ނެރެވިދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޯޓުގެ އަމުރުގައި ބުނެފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެ މައްސަލަ ކޯޓަށް ވެއްދެވި ޝަހީދު ވިދާޅުވީ މިސްކިތް އެޅުމަށް ގައްދޫ ޒާހިރަށް ކައުންސިލުން ބިން ދީފައިވަނީ ކުރިމަގުގައި ރަށުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އަށް ވަރަށް ބޭނުންތެރި ސަރަހައްދަކުން ކަމަށެވެ. އަދި ބަނދަރު ސަރަހައްދު އިތުރަށް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބަނދަރުގެ ކުރިމައްޗަށްވާ ގޮތަށް ބޮޑު މިސްކިތެއް އަޅައިފި ނަމަ އެކަމަށް ހުރަސްއެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ބަނދަރަކީ ރަށުގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީ އަށް ވަރަށް މުހިންމު ތަނެއް. ކުރިމަގުގައި އަދި ބަނދަރު އިތުރަށް ތަރައްގީ ވެސް ކުރާނެ. އެކަމަކު އެ ސަރަހައްދަށް އެކަށީގެންނުވާ ވަރުގެ ބޮޑު މިސްކިތެއް އަޅަން މިހާރު އެ އުޅެނީ،" ޝަހީދު ވިދާޅުވި އެވެ. "މިސްކިތް އެޅިދާނެ ނޫންތޯ ރަށުގެ މެދު ތެރެއިން ރައްޔިތުން ބޭނުންވާ ސަރަހައްދަކުން ވެސް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ