ކުރީގެ ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީ އުވާލަން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ވަހީދު އިސްކޮށް ހުންނަވައި މީގެ ފަސް އަހަރު ކުރިން އުފެއްދި ގައުމީ އިއްތިހާދު ޕާޓީ އުވާލުމަށް ރޭ ގަރާރެއް ފާސްކޮށްފި އެވެ. ޕާޓީގެ ލީޑަރު ކުރީގެ ރައީސް ވަހީދު ރިޔާސަތު ބެލެހެއްޓެވި ގައުމީ އިއްތިހާދު ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީ އުވާލުމަށް ގަރާރެއް ފާސްކޮށްފައި ވަނީ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ. ޖުމްލަ 11 މެމްބަރުން ހިމެނިވަޑައިގަންނަވާ ކައުންސިލްގައި އެންމެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ރޭ ބައިވެރިވެވަޑައިގެންނެވި އެވެ. ގައުމީ އިއްތިހާދުގެ ކައުންސިލް މެމްބަރު އަދި ކުރީގެ ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގް މިއަދު ވިދާޅުވީ ޕާޓީ އުވާލުމަށް ނިންމާފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސާދި މަސްރަހު މިވަގުތު ހުރި ގޮތުން އިތުރަށް ޕާޓީ ކުރިއަށް ގެންދަން މެމްބަރުންނަށް ނުފެންނާތީ ކަމަށެވެ. އެ ނިންމުމަށް ޕާޓީ ކައުންސިލްގެ ހުރިހާ މެމްބަރުން އިއްތިފާގުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ޕާޓީ އުވާލުމަށް ގަރާރެއް ފާސްކޮށް، އިލެކްޝަނަށް ހުށަހަޅައިގެން އުވާލުމުގެ ކަންކަން ކުރިއަށް ގެންދަން މިއޮތީ އަޅުގަނޑާ ހަވާލުވެފައި. އެކަން ކުރިއަށް ގެންދާނަން،" ތައުފީގް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީ އުވާލުމަށް ވަރަށް އަވަހަށް އިލެކްޝަނަށް ހުށަހަޅާނެ އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ކުދި ޕާޓީތަކާ މެދު ވިސްނައި ގޮތްތަކެއް ކަނޑައަޅަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. ތައުފީގް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ 5،800 މެމްބަރުންނާއި އަލަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ މެމްބަރުން ހިމަނައިގެން އެ ޕާޓީގައި ޖުމްލަ 7،000 މެމްބަރުން ތިބޭނެ އެވެ. އެ މެމްބަރުންނަކީ ކުރީގެ ރައީސް ވަހީދަށް ތާއިދުކުރާ ބަޔަކަށްވާތީ، މެމްބަރުން ގޮތެއް ކަނޑައެޅުމުގައި އެމަނިކުފާނު ނިންމަވާގޮތަކަށް ބަލާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ތައުފީގް ވިދާޅުވި އެވެ. "ރައީސް ވަހީދަކީ އަބަދުވެސް ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް. އެމަނިކުފާނު ސިޔާސީ މައިދާނުން އަދިވެސް ފެނުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ. ތައުފީގް ވިދާޅުވި ގޮތުގައި ގިނަ ޕާޓީތައް އެކުލެވޭގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި މުހިއްމު ދައުރެއް އަދާކޮށް، ޑިމޮކްރަސީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ގައުމީ އިއްތިހާދުން ވަނީ ފަސް އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ގައުމީ އިއްތިހާދު ވެސް ހިމެނޭގޮތަށް އިލެކްޝަންސް ކޮމިޝަންގައި 16 ރިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ