ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދޭންޖެހޭނީ ފައިސާ: ރައީސް ޔާމީން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އެއްބަސްވުން ދިވެހި ސަރުކާރުން އުވާލުމުން އޭގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭން ޖެހެނީ ފައިސާގެ ބަދަލެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓް މިހާ ދަތި ދުވަސްވަރެއްގައި މައްސަލަ ހައްލު ކުރާނެ ގޮތަކާ މެދު ސަރުކާރުން ވިސްނަ އެވެ. އަދި އެެއާޕޯޓް އަލުން ޖީއެމްއާރާ ހަވާލު ކުރުމުގެ ބަދަލުގައި "އެހެން ހައްލުތައް" ހުށަހެޅުއްވުމަށް އެ ގައުމުގެ އިސްބޭފުޅުންނަށް ހުށަހެޅުއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. "އިންޑިއާގެ ނޫސްތަކުގައި މިއީ ހަމަ ޕަބްލިކް ނޮލެޖް. އަޅުގަނޑު ބޭނުންވަނީ އެއްވެސް ފޮރުވުމެއް ނެތި ސާފުކަމާ އެކު، އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަންތައްތަކާއި އަޅުގަނޑުމެންނަށް ދަތިވާ ކަންތައްތައްް އިންޑިއާ ސަރުކާރުގައި ދެންނެވުން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރުގެ މައްސަލަ ނިމޭނީ "އަތް ފޯރާވަރުގެ ބަދަލަކާ އެކު" ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އިންޑިއާގެ ވިޔަފާރިވެރިންނާ އެކު ބޭއްްވެވި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ޖީއެމްއާރުގެ އޮފިޝަލުން ސަރުކާރާ އެކު ވާހަކަ ދައްކަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި 1200 މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް ޖީއެމްއާރުން މީޑިއާގައި ބުނެފައިވާއިރު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވަނީ ބަދަލުގެ ގޮތުގައި ދޭން ޖެހެނީ 700-800 މިލިއަން ޑޮލަރު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުގެ ވިސްނުމަކީ އާބިޓްރޭޝަނުން މައްސަލަ ނިމުމުގެ ކުރިން ވެސް ދެ ފަރާތަށް ފަސޭހަ ގޮތަކަށް ބަދަލު ދިނުމުގެ ކަންތައްތައް ހައްލުވުން ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހި ސަރުކާރުގެ މައްޗަށް އިންޑިއާ ކުރާ އިތުބާރު ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. "ޖީއެމްއާރަކީ މި ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރި އެއް ޕާޓީ. އެކަމަކު ވަރަށް މުހިންމު މަޝްރޫއުތަކެއް، ރައްޔިތުންނަށް އެންމެ އަސާސީ ހިދުމަތްތަކާ ގުޅިފައި ހުރި ވަރަށް ގިނަ މަޝްރޫއުތަކެއް މިހުރީ ކުރީގެ ސަރުކާރުން އިންޑިއާގެ ބޮޑެތި އެކި ކުންފުނިތަކަށް ދެވިފައި،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އާބިޓްރޭޝަނުން މައްސަލަ ނިންމިޔަސް އަދި ކޯޓުން ބޭރުން މައްސަލަ ހައްލުކުރިޔަސް ޖީއެމްއާރަށް ބަދަލު ދޭންޖެހޭނެކަން އެއީ ޔަގީން ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ ޖީއެމްއާރުން ބަދަލުގެ ގޮތުގައި ހުށަހަޅަނީ ވަރަށް ބޮޑު އެއްޗެއް ކަމަށާއި އެކަމަކު އެ އަދަދަށް ބަދަލު ދޭންޖެހޭތޯ އެއީ ބަލަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "ހަގީގަތުގައި ޖީއެމްއާރުން ވެސް އެބައޮތް އަޅުގަނޑަށް ހިސާބުތަކުން އެނގޭ ގޮތުގައި ކަމަށް ވެއްޖިއްޔާ 168 މިލިއަން ނުވަތަ 170 މިލިއަންގެ އިންވެސްޓަމްނަޓެއް ހަދާފައި. އެހެންވީމާ ބަދަލު ދޭންޖެހޭނެ ކަމާ މެދު އެއްވެސް ސުވާލެއް އުފައްދާކަށް ޖާގައެއް ނެތް. ބަދަލު ދޭންޖެހޭނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ކުރެއްވުމަށް ފަހު މީޑިއާގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުން އެދުނު ހުރިހާ ކަމަކަށް އެ ގައުމުން އިޖާބަ ދިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ