މިއީ ސްކޫލް ކުދިންގެ ލަވަ މުބާރާތުގެ ދެ ވަނަ އުނޫޝާތަ؟

ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ކޮލެޖުގެ ލަވަ މުބާރާތްތަކުގައި ލަވަކީއިރު އޭނާއާ ވާދަކޮށްލެވޭ ވަރުގެ ދެ ވަނަ ލަވަކިޔުންތެރިޔަކު ނެތެވެ. އެންމެފަހުން އެ މުބާރާތްތަކުގައި ބައިވެރިނުވާން ނިންމީ، އޭނާ ނޫން އެހެން ލަވަކިޔުންތެރިންނަށް ވެސް މުބާރާތުގެ ރަން ވަނަ ކާމިޔާބުވުމުގެ ފުރުސަތު ދިނުމަށެވެ. މަރިޔަމް އުނޫޝާ، ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ވާދަކުރިއިރު އޭނާ އަކީ ވެސް ނިކަން ގަދަފަދަ ބާރެކެވެ. ފުރަތަމަ ފިޔަވަޅުން ވަނައެއް ނުލިބުނަސް އިސާހިތަކު އޭނާ ބޮންތިއަށް އެރީ އެވެ. އެއަށް ފަހު، އަމީނިއްޔާ ސްކޫލްގެ ޔުނީފޯމް ބާލަންދެން އުނޫޝާ އަކީ ސްކޫލް ކުދިންގެ ލަވަ މުބާރާތުގެ ރަން އަޑެވެ. މި މުބާރާތް ވިދިވިދިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރި ހަމައެކަނި އަންހެން ލަވަކިޔުންތެރިޔަކީ އުނޫޝާ އެވެ. ޖަމާލުއްދީން ސްކޫލްގެ ދަރިވަރު، އާމިނަތު ސައިނާ އަކީ އާތިފް އަސްލަމް އާއި އުނޫޝާގެ ފޭނެކެވެ. އުނޫޝާގެ ކާމިޔާބީ ތަކުރާރުކުރަން ބޭނުންވާ ސައިނާ އަކީ، ޓީވީއެމް އިން ސްކޫލް ކުދިންގެ ލަވަ މުބާރާތް 2012 ވަނަ އަހަރު އަލުން ފެށިއިރު އެ މުބާރާތުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާ އެވެ. ވާދަކުރި އުމުރު ފުރައިންނާއި ޖޫނިއާ ގްރޫޕުން އަދި މުޅި މުބާރާތުން ވެސް އެއް ވަނަ ގެންދިޔަ ލަވަކިޔުންތެރިޔާ އެވެ. އެ ކާމިޔާބީ އަށް ފަހު ވަރަށް ގިނަ ބަޔަކު މި ލަވަކިޔުންތެރިޔާ ސިފަކުރަން ފެށީ، އައިޑޮލްއެއްގެ ގޮތުގައި އޭނާ ބަލަމުން އަންނަ އުނޫޝާއާ އެވެ. އުނޫޝާގެ ކާމިޔާބީ ތަކުރާރުކޮށް ސްކޫލް ކުދިންގެ މުބާރާތުގައި ސައިނާ އާ އުސްމިނަކަށް އަރާނެ ކަމަށް ބައެއް މީހުން ބުންޏެވެ. ނަމަވެސް، މެދުކެނޑުމަކަށް ފަހު ފަށައިގެން އުޅޭ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި 2012 ވަނަ އަހަރު ހޯދި ކާމިޔާބީ މި ލަވަކިޔުންތެރިޔާ އަކަށް ތަކުރާރެއް ނުކުރެވުނެވެ. އެހެންވީމަ މިވީ ކޯއްޗަކަށް ހެއްޔެވެ؟ ފަހަރެއްގައި ސައިނާ އަކީ "ވަން ހިޓް ވޮންޑާ" އެކެވެ. ނުވަތަ ނިމިގެން ދިޔަ މުބާރާތުގައި އޭނާގެ ނަސީބު ކައްސާލީ އެވެ. ކޮންމެއަކަސް، ސައިނާ އަކީ "ވަން ހިޓް ވޮންޑާ" އަކަށް ވުރެ ހުނަރުވެރި ލަވަކިޔުންތެރިއެއްކަން ސާބިތުކޮށްދެވޭ ވަރަށް އޭނާގެ އެވޯޑް ހަރުގަނޑުގައި ކާމިޔާބީގެ ތަށި އެބަހުއްޓެވެ. އޭނާ އަށް އަދި އެންމެ 13 އަހަރެވެ. އެހެންވީމަ، ލަވަ މުބާރާތް ކުރިއަށްދާ ނަމަ ރިކޯޑް ހެދުމުގެ ފުރުސަތު އޭނާ އަށް އަދިވެސް އެބައޮތެވެ. އަނެއްކާވެސް ޓީވީއެމްގެ މުބާރާތް ބޯމަތިވަނީ އެވެ. ހުނަރުން ފުރިފައިވާ މި އުއްމީދީ ލަވަކިޔުންތެރިޔާ އަކީ އެއް އިރެއްގައި މުޅި ރާއްޖޭގެ ސަމާލުކަން ހޯދި، އައްޑު އަތޮޅުގެ މިއުޒިކް ބޭންޑެއް ކަމަށްވާ "ޓްރޮޕިކާ" ގެ އޭރުގެ ޑްރަމަރު ކަމަށްވާ މުހައްމަދު ރަޝީދަށް ބައްޕަކިޔާ އަންހެން ކުއްޖެކެވެ. ރަޝީދަކީ "ބާއޮކަލޯ" ފަދަ ލަވަތަކާ އެކު އޭރު އެ ބޭންޑް ހޯދި ކާމިޔާބީގެ ވަރަށް ވެސް މުހިންމު ބައިވެރިއެކެވެ. ސައިނާ އަށް ލިބިފައިވާ ހުނަރުވެރިކަމުގެ ފަހަތުގައި ވަނީ އޭނާގެ ބައްޕަގެ ޖީންއެއް ކަމަށް ބުނުމަކުން ގޯހެއް ނެތެވެ. ރަޝީދަކީ ލަވަކިއުމާއި ލަވަ ހެދުމަށް އަދި މިއުޒިކްގެ ތަފާތު އިންސްޓްރުމެންޓްތަކަށް ވެސް އެފަދަ ދެ ވަނައެއް ނެތް މީހެކެވެ. ސައިނާގެ އިތުރުން އޭނާގެ ދެން ތިބި އެހެން ކުދިންނަކީ ވެސް އެކި ފެންވަރުގެ ލަވަ މުބާރާތްތަކުގައި ރަން ވަނަ ހާސިލުކޮށްފައިވާ ކުދިންނެވެ. ލަވަ މުބާރާތެއްގައި ސައިނާ އެންމެ ފުރަތަމަ ބައިވެރިވީ، އަހުމަދިއްޔާ ސްކޫލްގެ ޔޫކޭޖީގައި އުޅެމުންނެވެ. އޭރު އޭނާ އަށް ގާތްގަނޑަކަށް ހަ އަހަރެވެ. ޔޫކޭޖީ މުބާރާތުގެ އެއް ވަނަ ސައިނާ ގެންދިޔަ ހިސާބުން އޭނާ ހާއްސަ ދަރިވަރަކަށް ބަދަލުވީ އެވެ. އޭގެފަހުން އޭނާ ސްޓޭޖަށް އެރީ، 2008 ވަނަ އަހަރު އެންސީއޭގެ މުބާރާތެއްގައި އަމިއްލަ ގޮތުން ބައިވެރިވެގެންނެވެ. މުބާރާތަކަށް ފަރިތަކުރީ ވެސް އަމިއްލަ އަށެވެ. ނަމަވެސް ސްޓޭޖަށް އަރައި ލަވަކިޔަންވީއިރު އޭނާ އޮތީ ހުން އައިސްފަ އެވެ. އެއްގޮތަކަށް ވެސް ބިރުން ހުން އައީކީއެއް ނޫނެވެ. ކުޑަކޮށް ބަލިވީ އެވެ. ހޮސްޕިޓަލްގައި އޮވެފައި ގޮސް ސްޓޭޖަށް އަރައި ހުށަހެޅި ލަވައިން ސައިނާ އަށް ލިބުނީ ފަސް ވަނަ އެވެ. އެއަށް ފަހު ލަވަކިޔުންތެރިއެއްގެ ގޮތުގައި ސައިނާ، އޭނާގެ އުމުރު ފުރައިގެ މުބާރާތްތަކުގައި ވިދައިގަތީ 2011 ވަނަ އަހަރު ވީޓީވީ ލަވަ މުބާރާތުގައި އަމިއްލަ ގޮތުން ބައިވެރިވެ އުމުރު ފުރައިން ރަން ވަނަ ހާސިލުކުރި ހިސާބުންނެވެ. އޭނާ އަކީ އެ މުބާރާތުގެ ތިން ވަނަ އެވެ. މި ކާމިޔާބީ އަށް ފަހު ސައިނާގެ ފިޔަގަނޑު ފެޅީ އެވެ. ވީޓީވީގެ އެ މުބާރާތް އޭނާ މިދިޔަ އަހަރު ނިންމާލީ އުމުރު ފުރައިން އަދި މުޅި މުބާރާތުގެ ވެސް އެންމެ މޮޅު ލަވަކިޔުންތެރިޔާގެ ގޮތުގަ އެވެ. ބައިވެރިވި ތިން ފަހަރު ވެސް އޭނާ އަކީ އުމުރު ފުރައިން އެންމެ މޮޅު ލަވަކިޔުންތެރިޔާ އެވެ. މި މުބާރާތް ފަތަހަކުރުމަށް ފަހު ސައިނާގެ ކުރިމަތީގައި އޮތީ އަނެއްކާވެސް ޓީވީއެމްގެ ސްކޫލް ކުދިންގެ ލަވަ މުބާރާތެވެ. ބައިވެރިވި ދެ ފަހަރު ވެސް އޭނާ އަކީ އުމުރު ފުރައިން އެއް ވަނަ އެވެ. މި މުބާރާތުގެ އިތުރު ކާމިޔާބީ އަށް އޭނާ ހުރީ ފެންބޮވައިގެންފަ އެވެ. ނަމަވެސް ލަވަކިޔުމަކީ އޭނާ އެންމެ ކުރާހިތްވާ ކަންތަކެއް ނޫނެވެ. އަދި ލަވަކިޔުންތެރިއެއްގެ ގޮތުގައި މާ މައްޗަށް ދިއުމަކީ ވެސް އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ޖަމާލުއްދީން ސްކޫލްގެ ޖޫނިއާ ޑެޕިއުޓީ ކެޕްޓަންގެ މަގާމުގައި ހުރި ސައިނާ ބޭނުންވަނީ ހިތުގެ ޑޮކްޓަރަކަށްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ