ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ފުލުހުންނާއި ސިފައިންގެ ވޯޓާއެކު: ޕީޕީއެމް

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނީ ފުލުހުންނާއި ސިފައިންނާއި އެ މީހުންގެ އާއިލާތަކުގެ ވޯޓާއެކުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ. އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެ އެމްޑީޕީން ފުލުހުންނާއި ސިފައިންނަށް އެކި ގެއްލުންތައް ދިން ކަމަށެވެ. އަދި އެ މީހުންގެ އާއިލާތަކުގެ މީހުންނަށް ވެސް އެމްޑީޕީން އެކި ގޯނާތައްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރިޔާސީ އިންތިހާބު ކައިރިވަމުން އަންނާތީ ބަޣާވާތްކުރީ ހައެއްކަ ފުލުހުންނާއި ސިފައިން ކަމަށް ބުނެ އެމްޑީޕީން އެކަން މިހާރު އޮޅުވާލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ފުލުހުންނާއި ސިފައިންނަށް ދިން ގެއްލުންތައް ބަދަލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރާނީ ފުލުހުންނާއި ސިފައިންނާއި އެ މީހުންގެ އާއިލާތަކުގެ ވޯޓާއެކީގައި، އެއީ އެންމެ މަދުވެގެން ވެސް 40،000 ވޯޓު،" މަހުލޫފު ވިދާޅުވި އެވެ. މަހުލޫފު ވިދާޅުވީ އެމްޑީޕީން ކުރި އުނދަގޫތަކާއެކުގައި ވެސް ވާޖިބު އަދާކުރުމުގައި ސިފައިންނާއި ފުލުހުން ކުރި ހިތްވަރަކަށް އެމީހުންނަށް ސެލިއުޓްކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ