އެމްޑީޕީއަކަށް މި ސަރުކާރު ވައްޓައެއް ނުލެވޭނެ: ރައީސް މައުމޫން

އެމްޑީޕީން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު އިންގިލާބަކުން ވައްޓާލަން ނިންމި ނިންމުމަކީ ސިޔާސީ ޕާޓީއަކުން ނިންމޭނެ ނިންމުމެއް ނޫން ކަމަށާއި، ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާނަމަ އެމްޑީޕީއަށް މި ސަރުކާރު ވައްޓައި ނުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް ހަތަރު ކައުންސިލަރަކު ސޮއި ކުރުމަށް މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމްޑީޕީން އިންގިލާބަކުން ސަރުކާރު ވައްޓާލަން ނިންމުމަކީ ޤާނޫނާއި ހިލާފު ކަމެއް ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން މިކަން ބަލައި ތަހުގީގު ކުރަން ޖެހޭނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"ނުކުރެވޭނުންތޯ؟ ކިހިނެއްތޯ ކުރެވޭނީ؟ އެއްވެސް ކަހަލަ ކުރުމުގެ ވަސީލަތްތަކެއްވެސް، އެއްވެސްކަހަލަ ފުރުސަތެއް ނޯންނާނެ،" ސިޔާސީ މަޝްރަހު ހުރި ގޮތުން އެމްޑީޕީއަށް މިހާރުގެެ ވެރިކަން ވައްޓާލެވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީ ގައި ފެނިގެން ދިޔައީ ރައްޔިތުން ނިކުމެ ވެރިކަން ވައްޓާލި މަންޒަރު ނޫން ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. ރައީސް މައުމޫނު ވިދާޅުވީ އެ ދުވަހު ފެނިގެން ދިއައީ ރައީސުލްޖުމްހޫރިއްޔާ ޓީވީން އަމިއްލަ އިހުތިޔާރުގެ ދަށުން އެންމެންގެ ކުރިމަތީގައި ޓީވީން އިސްތިއުފާ އިއުލާނު ކުރައްވާ ގެއަށް ވަޑައިގެންނެވި މަންޒަރު ކަމަށެވެ.
"(މަގުމަތިން ސަރުކާރު ވައްޓާލުމަކީ) ކަނޑައެޅިގެން ޤާނޫނާއި ހިލާފު ކަމެއް. އެއްވެސް ގައުމެއްގައި ސަރުކާރު މަގުމަތިން ބަދަލު ކުރުމަކީ އެ ގައުމެއްގެ ޤާނޫނު އަސާސީން ހުއްދަކުރާނެ ކަމެއް ނޫން،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ވެރިކަން ވައްޓާލަން ނިންމި ހިސާބުން އެމްޑީޕީ ކުށްވެރިވެފައި ވާކަމަށެވެ. އަދި ޤާނޫނާއި ހިލާފަށް ކަމެއް ކުރާނެ ކަމަށް ވިދާޅުވުމަކީ އެކަމަށް ފިޔަވަޅު އެޅެން ވާނެ ކަމެއް ކަމަށްވެސް ރައީސް މައުމުނު ވިދާޅުވިއެވެ.
"އެ ދައްކަވަނީ ވަރަށް ގޯސް ވާހަކައެއް. ހަގީގަތުގަ އެހިސާބުން އެ ބޭފުޅުން އެ ތިއްބެވީ ކުށްވެރިވެފައި. ޤާނޫނާ ހިލާފަށް ކަމެއް ކުރާނަމޭ ބުނީމަ އެއަށް ފިޔަވަޅު އެޅެންވެސް ވާނެ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން އެންމެ ފަހުން ބޭއްވި ބައްދަލުވުމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދު ދީދީ ހުށައެޅުއްވި ގަރާރެއް ފާސްވުމާއި ގުޅިގެން، އިންގިލާބަކުން މި ސަރުކާރު ނިމުމަކަށް ގެނައުމަށް އެމްޑީޕީން ނިންމުމާއި ގުޅިގެންނެވެ. އެމްޑީޕީން ވަނީ މި ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިންގިލާބީ ކޮމެޓިގެ ނަމުގައި ފަސް މެމްބަރުންގެ ކޮމެޓީއެއްވެސް އެކުލަވާލަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ