ހަވީރު އެވޯޑް ހައްގުވަނީ ދަގަނޑޭ އަށް: އުމެއިރު
ހަވީރުން ހޮވާ 2013 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ހައްގުވަނީ މިދިޔަ އަހަރު ނިއު ރޭޑިއަންޓަށް ކުޅުނު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ކަމަށް 2012 ވަނަ އަހަރު މި މަގާމު ހޯދި މުހައްމަދު އުމެއިރު ބުނެފި އެވެ. މިދިޔަ އަހަރުގެ އެވޯޑަށް ވާދަކުރަނީ ދަގަނޑޭ އާއި އުމެއިރުގެ އިތުރުން، އެ ދެ ކުޅުންތެރިންނާ އެކު ނިއު އަށް ކުޅުނު އަހުމަދު ނިޔާޒް (ނިޔާ) އާއި އަލީ ފާސިރު (ސެންޓޭ) އަދި މާޒިޔާގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެވެ. އުމެއިރު ބުނީ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއަކީ ދަގަނޑޭ ކަމަށާއި މި ފަހަރު އެވޯޑް ލިބޭނެކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ. "މި ފަހަރު އެވޯޑަކީ ދަގަނޑޭގެ ހައްގެއް. އެއީ މިދިޔަ އަހަރު ރާއްޖޭގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ ދަގަނޑޭ. ނިއު އިން ހޯދި ހުރިހާ ކާމިޔާބެއްގައި ވެސް އެންމެ މުހިންމު ރޯލެއް އަދާކުރީ ދަގަނޑޭ. އެހެންވީމަ އުންމީދެއް ވެސް ނުކުރަން މި މަގާމު މި ފަހަރު ލިބޭނެ ކަމަމާމެދު. އެއީ ދަގަނޑޭ އަށް ހައްގުވާ މަގާމެއް،" އުމެއިރު ބުންޏެވެ. މިދިޔަ އަހަރު ނިއުއާ އެކު ސީޒަންގެ ތިން މުބާރާތް ވެސް ކާމިޔާބުކުރި އުމެއިރު ބުނީ މިދިޔަ އަހަރު ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. "މިދިޔަ އަހަރު ރަނގަޅު ކުޅުމެއް ދެއްކުނު. ވަރަށް ކާމިޔާބު ސީޒަނެއްގައި ނިއުއާ އެކު ހޭދަކުރީ،" އުމެއިރު ބުންޏެވެ. މިދިޔަ އަހަރުގެ ސީޒަންގައި ދަގަނޑޭ ވަނީ 58 ލަނޑު ޖަހައި، އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އަނެއްކާ ވެސް އާކޮށްފަ އެވެ. ދަގަނޑޭގެ ފަހަތުން ލިސްޓުގެ ދެވަނައިގައި 30 ލަނޑާ އެކު އޮތީ އުމެއިރެވެ. މިދިޔަ އަހަރަކީ އުމެއިރު އެއް ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ސީޒަން ވެސް މެ އެވެ. އަދި އުމެއިރަކީ އެއް ސީޒަނެއްގައި 30 ލަނޑު ޖެހި ދިވެހި ދެވަނަ ކުޅުންތެރިއާ އެވެ. ހަވީރުން 1995 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް މިހާތަނަށް އެއްވެސް ކުޅުންތެރިއަކަށް ދިފާއުކުރެވިފައެއް ނުވެ އެވެ. މި އެވޯޑް މިހާތަނަށް އެންމެ ގިނަ ފަހަރު ހޯދައިފައިވަނީ ދަގަނޑޭ އެވެ. ދަގަނޑޭ ވަނީ ހަތަރު ފަހަރު މި މަގާމު ހޯދައިފަ އެވެ. ހަވީރު ސްޕޯޓްސް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު މިރޭ ދަރުބަރުގޭގައި އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ