ނާޒިމްގެ މައްސަލައިގައި ގާސިމް ފްރޭމްކޮށްލުމަށް ވަނީ ރާވާފައި - ޖޭޕީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރި މައްސަލައިގައި ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އިތުރު ލީޑަރުންތަކެއްގެ ބޮލުގައިވެސް ދޮގު ތުހުމަތުތަކެއް އަޅުވައި ފްރޭމްކުރަން މަސައްކަތްކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ޖުމުހޫރީ ޕާޓީއިން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ނާޒިމް ފްރޭމްކޮށް، ނާޒިމްގެ އިސްތަށިފުޅުގައި ގާނޫނާ ޚިލާފަށް ހަތިޔާރު ގެންގުޅުއްވިކަމުގެ އިލްޒާމު އަޅުވައި، އެމަނިކުފާނުގެ އަނބިކަނބަލުންގެ މައްޗަށްވެސް މި ތުހުމަތުގައި ދަޢުވާ އުފުލުމަށްފަހު މި މައްސަލައިގެ ތެރޭގައި ސިޔާސީ އެހެން ލީޑަރުންތަކެއްގެ ބޮލުގައިވެސް ދޮގު އިލްޒާމުތަކެއް އަޅުވައި ފްރޭމްކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.
ނާޒިމް ހައްޔަރު ކޮށްފައިވަނީ އިތުރު ބަޔަކާއިއެކު، ދައުލަތާއި އިދިކޮޅު ހަރަކާތެއް ރޭވި ކަމުގެ ތުހުމަތުގައިއެވެ. އަދި މިދިޔަ މަހުގެ 18 ވަނަ ދުވަހު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގައި ނާޒިމް އާއި އަނބިކަނބަލުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފައެވެ.
"ނާޒިމް ހަތިޔާރުގެ ބޭނުންކޮށްގެން ހިންގަން އުޅުނު ބަޣާވާތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ޢަބްދުﷲ ރިޔާޒް ބައިވެރިވެ ވަޑައިގަތް ކަމުގައި ހަދައި އެމަނިކުފާނުގެ މައްޗަށް ދަޢުވާ އުފުލުމަށާއި، މި ބަޣާވާތަށް ޚަރަދުކޮށްދީ، ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ޓެރަރިސްޓުން ފިލުވުމުގެ ރޭވުންތަކެއް ގާސިމް އިބްރާހީމް ރާއްވަވާފައިވާ ކަމަށް ތުހުމަތުކޮށް ޝަރީޢަތް ހިންގުމަށް ފުލުހުންނަށާ ޕްރޮސެކިއުޓާ ޖެނެރަލަށް ސަރުކާރުން މިހާރު ވަނީ މަޖުބޫރުކޮށްފައި" ޖޭޕީގެ ބަޔާނުގައިވެއެވެ.
ޖޭޕީގެ ބަޔާނުގައިވަނީ ސަރުކާރު ހިންގެވުމާ ޙަވާލުވެ ތިއްބެވި އިސް ބޭފުޅުން ރާއްވަވައިގެން އެއްވެސް އިންސާފެއް އުޞޫލެއް ނެތި ވާދަވެރި ސިޔާސީ ލީޑަރުންގެ ޝަޚްޞިއްޔަތު ކަތިލައި، ސިޔާސީ މަސްރަޙުން އެބޭބޭފުޅުން އެކަހެރިކޮށް ޖަލަށްލުމަށް ކުރަމުންގެންދާ މަސައްކަތްތަކުން ސިފަވަނީ އެންމެ ހުދުމުހުތާރު އިސްތިބްދާދީ ވެރިކަން އޮންނަ ގައުމުތަކުގައި ހިނގަމުންދާ އަނިޔާވެރިކަން ކަމަށެވެ.
ސަރުކާރުގެ އަނިޔާވެރިކަން ޙައްދު ފަހަނައަޅާފައިވާ މިވަގުތު އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި ހައްގުގެ އަޑުއުފުލުމުގައި ސާބިތުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ