އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ 13 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. އެ މުބާރާތް ކުރިއަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އިންޑިވިޖުއަލް އަދި ޓީމް އިވެންޓުގެ ކެޓަގަރީއެވެ.
އިންޑިވިޖުއަލް އިވެންޓުގެ ކުޅުން ކުރިޔަށްދާނީ ފަސް އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށް 16 އަހަރުންދަށް އަދި 19 އަހަރުންދަށެވެ. މި ކެޓަގަރީގައި 9 އަހަރުންދަށާއި 12 އަހަރުންދަށުގެ ބައިގައި ކުރިޔަށްދާނީ ހަމައެކަނި ސިންގަލްސް ބައިގެ ކުޅުމެވެ.
14 އަހަރުންދަށުގެ ބައިގައި ކުރިޔަށްދާނީ ސިންގަލްސް އަދި ޑަބަލްސް ބައިގެ އިވެންޓްތަކެވެ. 16 އަހަރާއި 19 އަހަރުންދަށުގެ ބައިގައި ކުރިޔަށްދާނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ އިވެޓްތަކެވެ.
މިމުބާރާތުގެ ޓީމު އިވެންޓުގެ ކުޅުން ކުރިއަށްދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުންދަށް 16 އަހަރުންދަށް އަދި 19 އަހަރުންދަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކާއި އެ ސްކޫލްތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު ސްކޫލް މެދުވެރިކޮށް މާޗު މަހު އެއްވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށައެޅުމަށް ވަނީ އިއުލާންކޮށްފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެސޯސިއޭޝަނުގެ ރަސްމީ ވެބްސައިޓުން ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ