އީވާއަށް އިންޒާރުދީ މެސެޖެއް ނުކުރަން: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް އިންޒާރު ދެއްވާ ފޯނަށް މެސެޖް ކުރައްވާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރު ކުރައްވައި އީވާ ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރުގެ ނަމްބަރުން އީވާއަށް ކޮށްފައިވާ މެސެޖެއް އޭނާ ވަނީ މިއަދު ޓްވީޓް ކުރައްވާފަ އެވެ.
އެ މެސެޖްގައި ބުނެފައިވަނީ "ގައުމީ ފުލުހުން ވެސް ތިބީ މަށާ އެކުގައި ކަމަށާއި ކޮންމެ އޯޑަރަކުން ވެސް ތި ކުޑަކުޑަ މެމްބަރު ކުދިކުދި ކޮށްލެވިދާނެ" ކަމަށެވެ. އަދި "ތިގޮތަށް ބިރުދެއްކުމަށް މަޖިލީހަށް ހާޒިރު ކުރިޔަސް އަޒުމެއް ނުގުޑާނެ ކަަމަށާއި ރައީސް ޔާމީނާ މޫނު ކަނޑުއްވަން ނޫޅުމަށް" ވެސް އެ މެސެޖްގައި ބުނެފައިވާ ކަމަށް އީވާ ޓްވީޓް ކުރައްވާފައިވެ އެވެ.
އެކަމަކު "ވީނިއުސް"އަށް އުމަރު މިއަދު ވިދާޅުވީ އޭނާގެ ފޯނަކުން އީވާއަކަށް އެ ފަދަ މެސެޖެއް ކުރައްވާފައިވާ ނުވާނެ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ މިނިސްޓަރަކު އެފަދަ ދަށު ދަރަޖައިގެ މެސެޖެއް މެމްބަރަކަށް ނުފޮނުއްވާނެ ކަމަށާއި ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކޮންމެ މީހެއްގެ ނަންބަރުކުން ވެސް މެސެޖެއް ފޮނުވެވިދާނެ ކަމަަށެވެ.
އީވާ މިއަދު އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯމް މިނިސްޓަރުގެ އިންޒާރުތައް އައި ނަމަވެސް ރައީސް އަބްދުﷲ ޔާމީނާއި ޑްރަގާ ގުޅުވާ އުމަރު ނަސީރު ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ އަދިވެސް ސުވާލު ކުރައްވާނެ ކަަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ކުރެއްވި ސުވާލުގެ ޖަވާބުގައި އުމަރު ވިދާޅުވީ ރައީސް ޔާމީން އަކީ މަސްތުވާތަކެއްޗާއި ގުޅުމެއް ހުރި ބޭފުޅެއް ނޫން ކަމަށާއި އެހެންނަމަވެސް މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންގެ މިގައުމުގެ ވެރިކަން ކޮށްފައިވާ ކަމަށެވެ.
"މިހާރު ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިޔަސް ޕޮޒިޓިވް ވާނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތުހުމަތުކުރައްވާ އުމަރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ