އަންނަ ރިއާސީ އިންތިހާބަށް ޑީއާރުޕީން ކުރިމަތިލައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން މައުމޫނާ އެކު މަޝްވަރާ ކުރެއްވި ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ

ޑީއާރްޕީގެ ފަރާތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުންނާއި އަދި އެ އިންތިހާބު ކާމިޔާބުކުރުމަށް ޓަކައި ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމާ އެކު މަޝްވަރާކުރައްވައިފައިވާ ކަމަށް ޑީއާރުޕީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާ އެ ޕާޓީގެ އެއް ނާއިބު ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.އުމަރު ނަސީރުގެ ފެކްޝަނުގެ ބޭފުޅުން އެޕާޓީގެ ޒައީމް މައުމޫނާ އެކު މެލޭޝިޔާގައި ބޭއްވެވި ބައްދަލުވުންތަކާ ގުޅޭ ގޮތުން ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން މިއަދު އުމަރު ވިދާޅުވީ، އެ ބައްދަލުވުންތަކުގައި "ޕާޓީގެ މުސްތަގުބަލު އުޖާލާކުރުމަށް" ކަނޑައަޅަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ޑީއާރްޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން އެ މަނިކުފާނާ އެކު ވާހަކަ ދެއްކެވި ކަމަށް އުމަރު ވިދާޅުވި އެވެ.ރިޔާސީ އިންތިހާބާ ކައިރިވާއިރު ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމާއި ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމާ ބެހޭ ގޮތުން، ކުރީގެ ރައީސް މައުމޫނާ މަޝްވަރާކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް، އެކަމުގެ ތަފްލީސެއް އޭނާ ނުދެއްވި އެވެ.".. 2013 ގައި އަޅުގަނޑުމެން ރިޔާސީ އިންތިހާބަކާ ކުރިމަތިލާއިރުގައި އަޅުގަނޑުމެންގެ ޕާޓީ ކާމިޔާބު ހޯދުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންތައްތަކުގެ މައްޗަށް ވެސް ވާހަކަދައްކާފައި އޮންނާނީ. އަދި 2012 ގެ ކޮންގްރެސްގައި އަޅުގަނޑުމެންގެ އަސާސީ ގަވާއިދަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ވަންޏާ،[އެ ބަދަލު] ގެނެވޭނެ ގޮތްތަކާ ބެހޭ ގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާފައި އޮންނާނީ. އަދި 2013 އާ ކައިރިކުރާއިރު، 2013 ގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި އޮންނާނީ،" މެލޭޝިޔާގައި ހުންނަވައިގެން ސަން އޮންލައިން އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޑީއާރްޕީން ރިޔާސީ ޕްރައިމަރީސް ބޭއްވުމަށް ތަކުރާރުކޮށް ވަކާލާތުކުރައްވަމުން ގެންދަވާ އުމަރު ވިދާޅުވި އެވެ.އުމަރު މިއަދު އިތުރަށް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޑީއާރްޕީ ކެމްޕޭނުގައި ޒައީމް މައުމޫން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ކެމްޕޭނުގައި އެ މަނިކުފާނު އަތޮޅުތަކަށް ދަތުރުކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އުމަރު ވިދާޅުވި ގޮތުގައި، މައުމޫން އެނބުރި މާލެ ވަޑައިގަންނަވާނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭގަ އެވެ.މައުމޫނާ ބައްދަލުކުރެއްވުމަށް މެލޭޝިޔާ އަށް އުމަރާ އެކު ވަޑައިގަތީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފުގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދެވެ. އެ ބޭފުޅުން މާދަމާ ރޭ މާލެ ވަޑައިގަންނަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.އުމަރުގެ ފެކްޝަނުން ޒައީމް މައުމޫނާ ބައްދަލުކުރައްވާފައި މިވަނީ، ޕާޓީގެ ލީޑަރަކަށް މައުމޫން އަމިއްލަފުޅަށް އެންޑޯސްކުރެއްވި ތަސްމީން ޕާޓީން "ބޭރުކޮށްލާނެ" ކަމަށް އެ ފެކްޝަނުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. މައުމޫން ވިދާޅުވެފައި ވަނީ ޕާޓީގެ ނާއިބު ލީޑަރަކު، ޑިސިޕްލަނަރީ ކޮމެޓީ އަށް ވަކި ނުކުރެވޭނެ ކަމަށާއި އެއީ ޕާޓީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ