ދެދުވަހުން އެއް ދުވަހު މަޖިލީހުގެ ރައީސް ބޭލުމަކީ ގަބޫލުކުރާ ކަމެއް ނޫން: ޑރ. ޝަހީދު

ހަރުދަނާ މަސައްކަތްތެރި ރައްޔިތުންގެ މަޖިލީހެއް ދެކެން ބޭނުންވާ ކަމަށާއި ދެދުވަހުން އެއް ދުވަހު މަޖިލީހުގެ ރައީސް މަގާމުން ބޭލުމަކީ އެކަމަށް ފަހިވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނު ތަރުޖަމާނު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލައަކީ މިހާރު ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި މިހާރު ފޯކަސް ހުއްޓިފައި އޮންނަން ޖެހޭނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކަމަށެވެ.
~
އެހެންނަމަވެސް، އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ. ޝަހީދު ވިދާޅުވީ، އެމްޑީޕީގެ އަސާސީ ވިސްނުމަކީ މުއައްސަސާތައް ބިނާކުރުން ކަމަށާއި މަޖިލިސް ހަރުދަނާ ކުރުމަށް ވެސް ޕާޓީން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ ވާހަކައަކީ މިހާރު ދައްކަންވީ ވާހަކައެއް ނޫން ހެން. ދެން އަނެއްކާ ވެސް އަޅުގަނޑުމެންގެ އަސާސީ ވާހަކައަކީ އެމްޑީޕީއަކީ މުއައްސަސާތައް ބިނާކުރަން ބޭނުންވާ ޕާޓީއެއް. އަޅުގަނޑުމެން ހަމަ ދެކެން ބޭނުންވޭ ހަރުދަނާ މަސައްކަތްތެރި ރައްޔިތުންގެ މަޖިލީހެއް. ރައްޔިތުންގެ އިތުބާރު އޮތް ރައްޔިތުންނަށް ޚިދުމަތްކޮށްދޭ މަޖިލީހެއް. އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން ދެދުވަހުން އެއް ދުވަހު އެތަނުގައި ހުންނަވާ ސްޕީކަރު ބޭލުމަކީ އެކަމަށް ފަހިވާ ކަމެއް ކަމަކަށް،" އިތުބާރު ނެތް ކަމުގެ ވޯޓަކުން ސަލާމަތްވެވަޑައިގެންފައިވާ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޝަހީދު ވިދާޅުވި އެވެ.
އަދި ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ ވާހަކައަކީ "މޫސުން ކަޓައިގެން" އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، ޑރ. ޝަހީދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"ސިޔާސީ ގޮތުން މޫސުން ކެޓީމަ އެ ވާހަކަ އެ ދައްކަނީ. މި އޮތީ ރަނގަ ކަޓައިިފަ. މޫސުން ކަޓައިފަ. މި މޫސުމަކީ ލޯކަލް އިންތިހާބުގެ މޫސުން. ރައްޔިތުންގެ މަޖިލިސް މިހާރު ވީތަނެއްވެސް ނޭނގޭ. ބޮޑުފާރެއްކަންނޭގޭ ދެންފެންނާނީ،" ޑރ.ޝަހީދު ވިދާޅުވި އެވެ.
ނޫސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، "އިތުބާރު ނެތް ކަމުގެ ވޯޓެއްގައި ވާހަކަ ދައްކަވަނީ މި އިލެކްޝަނުގައި ބައިވެރިވެވަޑައިނުގަންނަވާ ޕާޓީތަކުގައި މިވަގުތަށް އެބޭފުޅުން ކުރާނެ އިތުރު އެހެން ކަމެއް ނެތީމަ،" ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ފޯކަސް އިންތިހާބުން ނުގެއްލޭނެ ކަމަށާއި އަދި މީޑިއާތަކުން ވެސް އެ މައްސަލައަށް ސަމާލުކަން ނުދިނުމަށް އިބޫ ގޮވައިލެއްވި އެވެ.
މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީއާ އަދި ޑީއާރްޕީ، ޕީއޭ ކޯލިޝަނުގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންތަކެއް މަސައްކަތްކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަންނަ މާޗް މަހު މަޖިލިސްގެ އާ ދައުރު ފެށުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ ވަނީ އެކަން ކާމިޔާބުވިޔަ ނުދޭން ކުރަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ