ލަތީފާ ގާސިމް ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލައްވައިފި

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެންބަރު ކަަމަށް ލަތީފާ ގާސިމް ކުރިމަތިލައްވައިފި އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރި ކަމުގެ ދުވަސްވަރު ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ކުރިން ޖޭއެސްސީ ތަމްސީލް ކުރެއްވި ލަތީފާ މިއަދު ވިދާޅުވި ގޮތުގައި އޭނާ އެ ކޮމިޝަނަށް އަލުން ކުރިމަތިލެއްވީ ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމު ނިޔަތުގައި ކަމަށެވެ.
ކުރިން ޖުޑީޝަރީގެ ސްޕޯކްސް ޕާސަންގެ މަގާމުވެސް ފުރުއްވެވި ލަތީފާ ވިދާޅުވީ ޝަރުއީ ދާއިރާއަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި މައްސަލަތައް ތަހުގީގުކޮށް ނިންމުން ވެސް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނުގައި އިންނަވައިގެން އެ ކަންތައްތައް ހައްލުކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.
"އޭގެ އިތުރުން މިހާރު ޖޭއެސްސީގައި މި ތިއްބަވަނީ މުޅިން ވެސް ފިރިހެނުން. އެހެންވެ، ވަކީލުންނާއި ފަނޑިޔާރުންގެ ތެރޭގައި އަންހެނުން ވެސް ތިބުމާއެކު އެ މަގާމަށް އަންހެނަކު ކުރިމަތިލައިފިނަމަ ތަފާތުތަކެއް ފެނިގެން ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.
ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ވަކީލަކު އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. އެކަމަކު ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވެ އެވެ.
ޖޭއެސްސީގެ އިންތިހާބުގައި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މީގެ ކުރިން ވޯޓް ނުލެވެ އެވެ. ނަމަވެސް ބަންޑާރަނައިބުގެ އޮފީހުން މި އިންތިހާބަށް އެކުލަވާލާފައިވާ އުސޫލުގެ މާއްދާއެއް ބާތިލްކޮށް ފަނޑިޔާރުންނާއި ވަކީލުންގެ ގޮތުގައި ތިއްބެވި މަޖިލިސް މެންބަރުންނަށް މިފަހަރުގެ އިންތިހާބުގައި ވޯޓްލެވޭ ގޮތް ހެދުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ އަމުރުކޮށްފަ އެވެ.
ޖޭއެސްސީގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ 788 ވަކީލަކު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ