ކޮންމެ ކަމެއް ކުރަން ޖެހުނަސް އައްޑޫ ސިޓީ ކައުންސިލް އުފައްދާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވެއްޖެ

އައްޑޫ ސިޓީ ނުހެދޭ ގޮތަށް ސިވިލް ކޯޓުން އިއްވި ހުކުމުގެ ސަބަބުން އައްޑޫ މައްސަލަ ވަރަށް "ހޫނު" ވެގެން ގޮސްފައިވާ ކަމަށާއި އައްޑޫގައި ސިޓީ ކައުންސިލް އުފެއްދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގައި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާނު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޑރ.ޝަހީދު ވިދާޅުވީ، "އައްޑޫ މައްސަލަ ވަރަށް ހޫނު ވާނެ" ކަމަށެވެ. އަދި އައްޑޫ އަކީ ސިޓީއެއް ކަމަށް ގިނަ ބަޔަކު ބަލައިގެންފައިވާ އިރު، އެނޫން ގޮތަކަށް އެކަން ކުރަން އުޅުމުން ބޮޑެތި މައްސަލަތަކެއް ދިމާވާނެ ކަމަށާއި އެ އަތޮޅުގައި ސިޓީ ކައުންސިލް އުފެއްދުމަށް "ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތިބީ ތައްޔާރަށް" ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ނުހެދޭ ގޮތަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން އެމްޑީޕީގެ ކެމްޕެއިންނަށް ފުދޭވަރަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނާއެކު އައްޑޫ ސިޓީގެ މައްސަލަ އަށް ވެސް ފޯކަސް ކުރާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލް ނުހެދޭނެ ކަމަށް ކޯޓުން ކަނޑައަޅައިފި ނަމަ ލޯކަލް ކައުންސިލް އިންތިހާބުޖެހޭނީ ލަސްކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރިން ވިދާޅުވެފައިވާތީ، އިންތިހާބައިގެން ކުރިއަށް ދިއުމާ ގުޅޭ ގޮތުން މިހާރު ނިންމާފައިވަނީ ކިހިނެތްތޯ ސުވާލު ދެންނެވުމުން ޑރ. ޝަހީދު މިއަދު ވިދާޅުވީ، އަދި ހުރިހާ ރަށެއްގައި ވެސް ކެމްޕެއިން ކުރިއަށްދާ ކަމަށާއި އިންތިބާހުގެ ޓައިމްލައިން ތަކަށް ބަދަލެއް އައިސްފާނެ ކަމަށް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަދި އެ ހުކުމާ ގުޅިގެން އަމަލުކުރަންވީ އެންމެ މޮޅު ގޮތެއް ކަނޑައަޅާނީ ޤާނޫނީ މަރުހަލާ ނިމި، ޕާޓީ ތެރޭގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.
"އަދި މިއުޅެނީ 24 ގަޑިއިއުތެރޭ ދެއްތޯ ފުރަތަމަ ޑެސިޝަން. އެހެންވީމަ، އެބަޖެހޭ އަދި މަޝްވަރާކުރަން އެތެރޭގައި ވެސް ކޮބައިތޯ މީގައި އެންމެ މޮޅު ހިކުމަތްތަކަކީ ކުރިއަށް ދިއުމުގައި. އެއަށް ފަހު އަޅުގަނޑު އެއްޗެއް ދަންނަވާނީ (އިންތިހާބު ލަސްކުރުމުގެ ނިންމުމާ) ގުޅޭ ގޮތުން ތިބޭފުޅުން (މީޑިއާ) އަރިހުގައި،" ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައި ނުވާތީ ފޮރިން މިނިސްޓަރު ކަމުގައި ނުހުންނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން އެމަގާމުން އިސްތިއުފާދެއްވި ޑރ. ޝަހީދު ވިދާޅުވި އެވެ.
އައްޑު އަތޮޅަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅެއްގައި އައްޑޫ ސިޓީ ކައުންސިލްގެ ދަރަޖަ ބާތިލުކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ، "އެ ކަން އެގޮތަށް ވެއްޖެ ނަމަ އައްޑޫގެ ކައުންސިލް އިންތިހާބު އެތައް ތަނެއް ލަސްވެގެން ދާނީ. އޭރުން މި ތަނުގައި އެ އިންތިހާބެއް ނުބޭއްވޭނެ. އެހެންވީމާ އައްޑޫގެ އިންތިހާބު ވަކި ލަސްވެފައި އެހެން ހިސާބެއްގެ އިންތިހާބު ވެސް ވަކި ކީއްވެތޯ ބާންވަންވީ؟ އެކަމެއް ނުވާނެ،" ކަމަށެވެ.
އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމަކީ ބާތިލް ނިންމުމެއް ކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ