ކުޑަހުވަދޫ ދާއިރާގެ ސަރުކާރު ކޯލީޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހަރަކާތެއް ބާއްވައިފި

ދ. އަތޮޅު ކުޑަހުވަދޫ ދާއިރާގެ ކައުންސިލްތަކަށް ކުރިމަތިލާފައިވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މި ހަރަކާތާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ މިއީ ވަރަށް މުހިންމު ބޭނުމެއްގައި ހިންގުނު ހަރަކާތެއް ކަމަށެވެ.
އެގޮތުން އާމިރު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް ފުޅާކުރުމާއި، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަކީ މިހަރަކާތް ހިންގުމުގެ އެއް ބޭނުން ކަމަށެވެ. އަދި މިވަގުތު މާލޭގައި ތިބި ކުޑަހުވަދޫ ދާއިރާގެ ކައުންސިލްތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ބައްދަލުވު ތައާރަފްވެ ގުޅިގެން މަސައްކަތް ކުރުމަށް އަހުލުވެރިކުރުމަކީ ވެސް މިހަރަކާތުގެ ބޭނުމެއް ކަމަށް އާމިރު ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓުން ކައުންސިލް އިންތިހާބަށް ނިކުންނަނީ ތަރައްގީ ޔަގީންކުރުމަށް ކަމަށާއި، އެހެންކަމުން ރައްޔިތުން އެދޭ ތަރައްގީ ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ.
ވޭތިވެދިޔަ ތިން އަހަރު ކައުންސިލްގެ ތަޖްރިބާ ވަރަށް ހިތިކަމަށާ އެކަން ބަދަލްކޮށް އައު ރޫހެއްގައި މަސައްކަތް ކުރުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުން ތިބީ ތައްޔާރަށް ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވެސް ކުޑަހުވަދޫ ދާއިރާއަށް މުހިންމު ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިފައިވާއިރު އެކަންކަން ތަންފީޒްކުރެވޭނެ ފަދަ ކައުންސިލްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށާއި ރަށްރަށަށް އެ ތަރައްގީ ގެނެވޭނީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން ދަންނަ ބަޔަކަށް ކަމަށާއި އެފަދަ ކެންޑިޑޭޓުން ތިބީ ޕްރޮގްރެސިވް ކޯލިޝަންގައި ކަމަށް އާމިރު ވިދާޅުވިއެވެ.
އޭނާ ވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރުންގެ ހައިސިއްޔަތުން ދާއިރާ ތަރައްގީކުރުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާޢިދުކޮށްދިނުމަށް ދާއިރާގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.
ރޭގެ މި ބައްދަލްވުމުގައި ކެންޑިޑޭޓުން ވަނީ ކެމްޕޭން ފުޅާކޮށް ރައްޔިތުންގެ ތާޢީދު ހޯދުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ