ސުޕްރީމް ކޯޓުގެ ގަރާރަކުން ކަލައިދޫގައި ވަކި ކޯޓެއް އުފައްދައިފި
ސުޕްރީމް ކޯޓުގެ ގަރާރަކުން ލ. ކަލައިދޫގައި ވަކި މެޖިސްޓްރޭޓް ކޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ގާއިމްކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި މިއަދު އާންމުކޮށްފައިވާ އެ ގަރާރުގައިވާ ގޮތުން ލ. އިސްދު އާއި ކަލައިދު އަކީ ވަކި ދެ ރަށެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ އިރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތް ކަމަށްވާ އިރު ކޯޓުތަކުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކަލައިދޫގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ މަހުގެ 16 ވަނަ ދުވަހު ނިންމާފައިވާ ކަމަށް އެ ގަރާރުގައިވެ އެވެ. އެ ގަރާރުގައިވާ ގޮތުން ކަލައިދޫގައި ކޯޓެއް ގާއިމްކޮށް، ހިންގަން ފެށޭނީ އެ ގަރާރު އާންމުކޮށް އަދި ކަމާ ބެހޭ ފަރާތްތަކަށް އަންގާ ދުވަހުން ފެށިގެންނެވެ. އެ ގަރާރު އާންމުކޮށްފައިވަނީ މިއަދު ނަމަވެސް އެ ގަރާރުގެ ތިރީގައި ލިޔެފައިވާ ގޮތުން އެ ގަރާރު އާންމުކުރީ މި މަހުގެ ތިން ވަނަ ދުވަހެވެ. ކަލައިދޫގައި ވަކި ކޯޓެއް ގާއިމް ކުރުމުގެ ކުރިން ހުންނަނީ އިސްދޫ މެޖިސްޓްރޭޓް ކޯޓުގެ ކަލައިދޫ އަވަށު ސެކްޝަންގެ ނަމުގައި ހިންގާ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ