ދެމަފިރިކަމުގެ ގުޅުމަށް ދެކޮޅު ހެދުމަކީ ދެވޭ އަނިޔާއެއް ކަމަށް އިންޑިއާގެ ދިއްލީ ހައި ކޯޓުން ހުކުމްކޮށްފި

ނިއު ދިއްލީ (މާޗް 26) - ދެމަފިރިންގެ ތެރެއިން އެއްވެސް މީހަކު އަނެއް މީހާއާ އެކު ގުޅުން ހިންގުމަށް ދެކޮޅު ހެދުމަކީ ދެވޭ އަނިޔާއެއް ކަމަށް އިންޑިއާގެ ނިއު ދިއްލީ ހައި ކޯޓުން ހުކުމްކޮށްފި އެވެ. ގުޅުން ހިންގުމަށް އަނބިމީހާ ދެކޮޅު ހަދާ ކަމަށް ބުނެ އޭނާ ވަރިކުރުމަށް 2001 ވަނަ އަހަރު ހުށަހެޅި މައްސަލައެއްގެ އިސްތިއުނާފަށް ފަހު ޑެލްހީ ހައި ކޯޓުން ކުރި ހުކުމުގައި ބުނީ ކައިވެންޏެއްގެ ބިންގަލަކީ ދެމަފިރިކަމުގެ ގުޅުން ކަމަށާއި އެ ގުޅުން ނެތް ނަމަ އެކުގައި އުޅުމުގެ ފޮނިމީރުކަމެއް ނުލިބޭނެ ކަމަށެވެ. ފަނޑިޔާރު ކައިލާޝް ގަމްބީރު މި ހުކުމް ކުރައްވާފައި ވަނީ 1991 ވަނަ އަހަރު ކުރި ކައިވެންޏަކާ ގުޅިގެންނެވެ. އެ ކައިވެނީގައި ހިމެނޭ ފިރިމީހާ ކޯޓުގައި ބުނެފައި ވަނީ ކައިވެނީގެ ފުރަތަމަ ރޭ ވެސް އަނބިމީހާ ދެކޮޅު ހަދާފައިވާ ކަމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ރުހިގެން ކަމެއް ކޮށްފައި ވަނީ 10- 15 ފަހަރު ކަމަށެވެ. އަދި އެ ފަހަރުތަކުގައި ވެސް އަނބިމީހާގެ ފަރާތުން "އިޖާބައެއް" ނުލިބޭ ކަމަށް ހުކުމާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުނެފައިވެ އެވެ. ފަނޑިޔާރު ވިދާޅުވީ އެއްވެސް ސަބަބަކާ ނުލައި ދެމަފިރިކަމުގެ ގުޅުމަށް ދެކޮޅު ހެދުމުން، އަނިޔާވެރިވި ކަމަށް ހެކި ލިބޭ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ހާލަތްތަކުގައި އެކަކު މާބޮޑަށް ބޭނުންވެފައި އެ މިންވަރަށް އަނެއް މީހާ ބޭނުން ނުވާ ފަހަރު އަތުވެދާނެ ކަމަށާއި އެ ހާލަތުގައި ނޫނީ ދެމަފިރިން އެކަކު އަނެކަކަށް ނޫނެކޭ ބުނެގެން ނުވާނެ ކަމަށެވެ. ހައި ކޯޓުން މި ހުކުމްކޮށްފައި މި ވަނީ ވަރިވާން ބޭނުން މީހުންނަށް އެކަން ފަސޭހަކަމާ އެކު ކުރެވޭނެ ގޮތަށް މިދިޔަ ހަފުތާގައި ގާނޫނު އިސްލާހުކޮށްފައި ވަނިކޮށެވެ. އިންޑިއާގައި އަދިވެސް ގިނައީ ދެ ފަރާތުގެ އާއިލާ އިން ކުރިން ރާވައި ހަމަޖައްސައިގެން ކުރާ ކައިވެނިތަކެވެ. އަދި ވަރިއަކީ އެހާ އާންމު ކަމެއް ނޫނެވެ. ނަމަވެސް އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ފަހަކަށް އައިސް ވަރި ގިނަވާން ފަށާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ