ކެނދިކުޅުދޫގައި ކަރަންޓް ނެތުމުން ކުއްލި މައްސަލައެއް ހުށަހަޅައިފި

ނ. އަތޮޅު ކެނދިކުޅުދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ކެނދިކުޅުދޫއަށް ނިސްބަތްވާ އެދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސާއެވެ.
މިމައްސަލައަށް ބަހުސް ކުރުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓު ދެއްވި 22 މެންބަރުންގެ އިއްތިފާގުން ވަނީ ބަހުސް ކުރަން ފާސްވެފައެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހްމަދު އީސާ ވިދާޅުވީ އޭނާ ނިސްބަތްވާ ކެނދިކުޅުދޫގައި ކަރންޓްގެ ހިދުމަތް ނުލިބި ތިން ދުވަސް ވެފައިވާ ކަމަށާއި ސަރުކާރަށް މިމައްސަލަ ހައްލު ކޮށްދިނުމަށް ގޮވާލާ މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ.
މިމައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކަރަންޓްގެ ހިދުމަތް ރައްޔިތުންނަށް ފުރިހަމަޔަށް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް ރައީސް ވަހީދު ވެރިކަމާއި ހަވާލުވުމަށްފަހު ކަރަންޓްގެ ހިދުމަތް ރައްޔިތުންނަށް އެދެވޭ ގޮތެއްގައި ފޯރުކޮށް ނުދެވޭ ކަމަށެވެ.
އެމްޑީޕީއާއި އިދިކޮޅު މެންބަރުން ވިދާޅުވީ މިއަދު ބައެއް ރަށްރަށުގައި ކަރަންޓް ނެތިވެ ރައްޔިތުންނަށް ދިމާވެފައިވާ ތަދިތަކަކީ ތިން އަހަރުގެ ވެރިކަމުގައި ކުރި ކަންތައްތަކެއްގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ.
މިމައްސަލައަށް ބަހުސްކުރެއްވި މެންބަރުން ވަނީ ރަށްރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކޮށްދިނުމަވެސް ސަރުކާރަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ