މެމްބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް އޮތް މާއްދާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މާއްދާ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ. ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 202 މާއްދާގެ ރ. އަކީ ގާނޫނު އަސާސީގެ އެތައް މާއްދާއަކާއި ފުލުހުންގެ ގާނޫނުގެ އެތައް މާއްދާއަކާ ފުށުއަރާ މާއްދާއެއް ކަމަށެވެ. އެހެންވެ މަޖިލީހުގެ ގަވާއިދު ސުޕްރީމް ކޯޓުން މާނަކުރާ ގޮތެއް އެނގެންޖެހޭ ކަމަށާއި އެ މައްސަލަ މި ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. އަކީ ގާނޫނު އަސާސީގައި ތަފާތުނުކުރުން ބަޔާންކުރާ 17 ވަނަ މާއްދާ އާއި ގާނޫނު ހިންގުމުގައި އެންމެން ހަމަހަމަވާނެ ކަމަށް ބަޔާންކުރާ 20 ވަނަ މާއްދާ އަދި ފުލުހުންގެ ހިދުމަތް ބަޔާންކޮށްފައިވާ 244 ވަނަ މާއްދާ ފުށުއަރާ މާއްދާއެއް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. މަޖިލީހުގެ ގަވާއިދުގެ މައްސަލަ ހުށަހަޅަން ސަރުކާރުން ނިންމީ، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު މިދިޔަ ބުރާފަސްތި ދުވަހުގެ ރޭ ހައްޔަރުކުރި މައްސަލައާ ގުޅިގެން، މި ދަނޑިވަޅު މެމްބަރަކު ހައްޔަރުކުރުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުލުހުންނަށް އެންގެވުމުންނެވެ. ޝާހިދު އެގޮތަށް އެންގެވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހްމީ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އޮތުމުންނެވެ. ޖާބިރާއި ހާމިދު ހައްޔަރު ނުކުރެވޭނެ ކަމަށް އެންގެވި ނަމަވެސް މައްސަލަ ތަހްގީގު ނުކުރެވޭނެ ކަމަށް ނާންގަވަ އެވެ. ޖިނާއީ ކުށެއްގެ ތުހްމަތުގައި ކޮންމެ މީހަކު ވެސް ހައްޔަރުކުރުމުގެ ބާރު ގާނޫނު އަސާސީންނާއި ފުލުހުންގެ ގާނޫނުން ފުލުހުންނަށް ލިބިދޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވީތީވެ، އެ މެމްބަރުންގެ މައްޗަށް ޖިނާއީ އަމަލެއް ހިންގައިގެން އެ މެމްބަރުންގެ ތަހްގީގު ނުކުރެވޭނެ ކަމަށް ނުވަތަ ހައްޔަރު ނުކުރެވޭނެ ކަމަށް ސަރުކާރަކުން ނުދެކޭ. އެކަމުގައި މި އުޅެނީ ދެ މުއައްސަސާއެއްގެ ދެމެދުގައި އޮތް ތަފާތެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންނާއި ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކުރި ހދ. ހޮނޑައިދޫން 60 ފުޅި ބަނގުރަލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ކުށުގެ މާހައުލުން މީހަކު ފެނިއްޖެ ނަމަ އެ މީހަކު ހައްޔަރު ނުކޮށް ތަހްގީގު ކުރުމަކީ ޖިނާއީ އަދުލް ނުދަންނަ ކަމެއް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި އެ ރަށަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށަކަށްވުމާއެކު އެ ރަށުން ބަނގުރާ ފެނިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ޖަމީލް ވިދާޅުވީ "ފުލުހުން ހިނގަނީ ފުލުހުންނަށް ކަނޑައެޅިފައިވާ ގާނޫނެއްގެ ދަށުން" ކަމަށާއި ފުލުހުންނަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި ހޮނޑައިދޫން މަޖިލީހުގެ ދެ މެމްބަރުންނާއި ސިޔާސީ ބޭފުޅުންތަކެއް ހައްޔަރުކުރީ ވެސް އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ކަމަށެވެ. ހޮނޑައިދޫން ހައްޔަރުކުރި މަޖިލީހުގެ ދެ މެމްބަރުންނާއި އެހެން މީހުންނަށް އަނިޔާކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ ކުށެއްގެ ތުހްމަތުގައި މީހަކު ހައްޔަރުކުރާއިރު އެކަށީގެންވާ ބާރު ބޭނުންކުރުމަކީ ހުއްދަ ކަމަށާއި ފުލުހުން އަނިޔާނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އަނިޔާކޮށްފައިވާ ކަމަށް ކުރެވޭ ތުހްމަތުތައް ހުރިހާ ފަރާތަކުން ވެސް ބެލުމަށް މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގައި ކުށްކުރުން އިތުރުވަމުންދަނީ މުޖުތަމައުގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން އިތުރުވަމުންދާތީ ކަމަށާއި ބައެއް ފަރާތްތަކުން ވިޔަފާރީގެ ގޮތުގަ އާއި ކުށްކުރުވުމަށް ހިތްވަރު ދިނުމަށް ބަނގުރާ ދޭ ކަމަށެވެ. އަދި ހީނުކުރާ ގޭގޭގަ އާއި ރެސްޓޯރެންޓްތަކުގައި ބަނގުލަރުގެ ވިޔަފާރިކުރިކޮށް، ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ