ކޯނީއާއި މެދު ކަންބޮޑުވުން ފާޅުކުރި ކަންތައް މިހާރު މިފެނުނީ : މައުމޫން

ހަތެއް ފެބްރުއަރީގައި ވެރިކަން ބަދަލުވެ ދިޔަ ގޮތް ތަހުގީގު ކުރުމަށް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ހައްދަވާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިކުއަރީ (ކޯނި)ގައި ރައީސް ނަޝީދު ތަމްސީލު ކުރާ މެމްބަރެއް ހުރި އިރު ރައީސް މައުމޫން ތަމްސީލްކުރާނެ މެމްބަރެއް ނެތުމުން ކަންބޮޑުވުން ފާޅުކުރި ކަންތައް މިހާރު މިވަނީ ދިމާވެފައި ކަމަށް ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އަމިއްލަ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާ ވަޑައިގަންނަވަމުން ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ވިދާޅުވީ މި ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާއި ބައްދަލު ކުރައްވާނެ ކަމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"ނަޝީދު އައްޔަނުކުރި ބޭފުޅަކު ގަވާއިދާ ހިލާފަށް އެމެރިކާ ސަރުކާރާއި ކޮމަންވެލްތާ އަދި ނަޝިދުމެންނާއި ވެފައިވާ އެއްބަސްވުމާއި ހިލާފަށް ނިކުމެ ވަޑައިގެން މައުލޫމާތުތަކެއް ދެއްވައިފި. އެއީ އޭނާ ކުރެއްވި ވަރަށް ބޮޑު ގޯސްކަމެއް. އެހެންވީމަ އަޅުގަނޑު އޭރު ދެއްކި ވާހަކަ ތެދުވެއްޖެ ދެއްތޯ. އަޅުގަނޑު ކުރިން ކަންބޮޑުވުން ފާޅުކުރީ މިކަން މިހެން ވާނެތީ. އަޅުގަނޑަށް ކުރިން ވަރަށް ރަނގަޅަށް ވިސްނޭ މިބޭފުޅުންގެ ކަންތައް ހުންނަގޮތް. މުޅި ދިވެހިރާއްޖޭގެ އިތުބާރު ގެއްލޭގޮތަކަށް އެ ގަހާސައީދު އަމަލުކުރެއްވީ،" ކޯނީގެ ރިޕޯޓާއި ގުޅިގެން ގަހާ ސައީދު މީޑިއާއަށް މައުލުމާތު ދެއްވާފައިވާ މައްސަލާގައި ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ހުއްޓާލައިފިނަމަ ކޯނީގެ ރިޕޯޓާއި ގުޅިގެން މަޝްވަރާ ކުރަން ޖެހިއްޖެނަމަ ޕީޕީއެމްއިން މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫނު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ