އާ ސަރުކާރަށް ހުރިހާ ގޮތަކުން އެހީތެރިވާނަން: ގާސިމް

ދިވެހި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އެއްގޮތަށް ވެރިކަން ހިންގައި ދެމެހެއްޓުމުގައި ވެދެއްވެން އޮތް ކޮންމެއެހީތެރިކަމެއް އައުސަރުކާރަށް ވެދެއްވާނެ ކަމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމާއި ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، އެމަނިކުފާނު ދެފަހަރަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލީވެސް ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކަމަށާއި ރާއްޖޭގައި އިސްލާމްދީން ދަމަހައްޓައި ދިވެހި އިޤުތިޞާދު ކޮޅަށްޖަހައި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި ކަމަށެވެ.
ޤާސިމް ވިދާޅުވީ ޤައުމު މިއަދު ވެއްޓިފައި މިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށްޓަކައި އައު ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމުގެ ކޮނޑުފުޅުގައި ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެޅިފައިވާކަމަށެވެ.
އެހެންކަމުން އިޤުތިސާދު ނެގެހެއްޓުމަށްޓަކައި މިދީނަށްޓަކައި އެމަނިކުފާނުގެ މިލްކިޔާތާއި މުދަލުން އަދި އެނޫން ގޮތް ގޮތުންވެސް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
އަދި ހަމަ އެގޮތަށް ރައީސް މައުމޫނުގެ އިރުޝާދާއި އެކު އެމަނިކުފާނު ދެއްކެވި ޑިމޮކްރެޓިކް ހަމަތަކުގެ ތެރޭން ޤާނޫނު އަސާސީ އާއި ޤާނޫނާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމުގައިވެސް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށެވެ.
ޤާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ރައްޔިތުންދެއްކެވި ނަމޫނާއި ސާބިތު ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.
އަދި ރައީސް މައުމޫން ގެންގުޅުއްވި ހިކުމަތު އަމަލީ އާއި ޔާމީނުގެ މަސައްކަތްޕުޅު ފާހަގަކުރައްވައި އެދެބޭފުޅުންނަށްވެސް ޝުކުރާއި މުބާރިކުބާދީ ދެންނެވި އެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި މަސައްލަތަކެއް ދިމާވެގެން މައްސަލަ ހުށައެޅި ހިނދު ސްޕްރީމްކޯޓުގެ ފަނޑިޔާރުން ދެއްކެވި ހިއްވަރާއި ސާބިތުކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މިނިވަން އިންތިޚާބެއް ބާއްވައި ދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރެއްވި ބުރަ މަސައްކަތަށްޓަކައިވެސް އެކޮމިޝަނަށްވެސް ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ