ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބާ ގުޅޭ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށާ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ. ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅީ އެ ދާއިރާ އަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހިމެވެ. ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު އަސްލަމެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ. އިންތިޚާބާ ގުޅިގެން ހައި ކޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 11:30 ގައި ހަމަވާއިރު މިރޭ 9:00 އިން 11:30 ހައި ކޯޓު ހުޅުވާ ގޮތަށް އެ ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. މިހާތަނަށް 11 ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ ހިތަދޫ އުތުރު ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އާއި ފުނަދޫ ދާއިރާ އާއި ކުރެންދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ވިލިނގިލީ ދާއިރާ އާއި ނައިފަރު ދާއިރާ އާއި ނޮޅިވަރަމް ދާއިރާގެ އިތުރުން މީދޫ ދާއިރާގެ މައްސަލަ އެވެ. އޭގެ ތެރެއިން ގިނަ ދާއިރާތަކެއްގެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ވަނީ ފަށައިފަ އެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގައި ފުރަތަމަ އަދި ފަހު ބަސް ބުނުމުގެ ބާރު އޮންނަނީ ހައި ކޯޓަށެވެ. އެ ބާވަތުގެ މައްސަލަތަކަކީ ދާއިމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަލައި، ނިންމަންޖެހޭ މައްސަލަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ