ފަނޑިޔާރުގެ ވާހަކަ ގާސިމް ދެއްކެވީ ޖޭއެސްސީގެ ސްލޫކީ މިންގަނޑާ ހިލާފަށް: ސުއޫދު

ފަނޑިޔާރަކާ ބެހޭ ގޮތުން ނެރެގެން އުޅެނީ "ދޮގު ވީޑިއޯއެއް" ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވާހަކަ ދައްކަވާފައި ވަނީ އެ ކޮމިޝަންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކަމަށް ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ނަހަމަ ގޮތުގައި އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހްމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ފުލުހުންނާއި ޖޭއެސްސީން ބަލަމުން ދަނިކޮށް، ތ. ހިރިލަންދޫގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ގާސިމް ވިދާޅުވީ އެ ވީޑިއޯގެ ފަހަތުގައި ތިބީ ކުރީގެ ރައީސް ނަޝީދާއި އޭނާގެ މަދަދުގާރުން ކަމަށެވެ. އަދި ނަޝީދުގެ ފަހަތްޕުޅުގައި، ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން އެބަތިބި ކަމަށާއި އެމީހުން ނަޝީދު ވިދާޅުވާ ގޮތަކަށް އެނބުރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާސިމްގެ އެ ވާހަކަތަކާ ގުޅިގެން ހުސްނުއްސުއޫދު ވިދާޅުވީ ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ނުނިންމަނީސް އެކޮމިޝަނުގެ މެމްބަރަކު ސިޔާސީ ފޯރަމެއްގައި އެކަން ހާމަކުރުމަކީ ޖޭއެސްސީގެ ހިންގާ ގަވާއިދުގެ 24 ވަނަ މާއްދާއާ ހިލާފު އަމަލެއް ކަމަށެވެ. އެ މާއްދާގައި ބުނަނީ މެމްބަރަކަށް، ވަޒީފާގެ ގޮތުން ލިބިފައިވާ މައުލޫމާތެއް، މެމްބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނޫން ގޮތަކަށް ބޭނުންކޮށްގެން ނުވާނެ ކަމަށާއި މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނޫނީ އެފަދަ މައުލޫމާތެއް ތިން ވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެ ކަމަށެވެ. ބާ އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ވަކީލް ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި، ކެމްޕޭން ކުރެއްވުމަށް ބޭއްވި ޖަލްސާގައި، ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު ހާމަކުރުމަކީ މެމްބަރެއްގެ މަސްއޫލިއްޔަތާއި ސުލޫކީ މިންގަނޑާ ހިލާފް ކަމެކެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ގާސިމް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި ހުންނަވައިގެން ޖޭއެސްސީގައި މަސައްކަތް ކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން. އެ މަގާމް އަމިއްލަ އަށް ދޫކޮށްލައްވަން އެބަ ޖެހޭ. އެއީ މެމްބަރުކަމުގެ މަގާމްގައި ހުންނަވައި ކެމްޕޭން ކުރެއްވުމުން މިކަހަލަ ފުށުއެރުންތައް އެބައަރާ،" އޭނާ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބަށް ވޯޓު ހޯއްދެވުމުގެ މާނާގައި ޖޭއެސްސީގެ މައުލޫމާތު ބޭނުންކުރުމަކީ މުއައްސަސާގެ މިނިވަންކަމަށް ވެސް ފުށުއަރާ ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ފުލުހުން ބަލަމުންދާއިރު އެ މައްސަލަ ޖޭއެސްސީން ވެސް ގެންދަނީ ބަލަމުންނެވެ. އެކަމަކު އެއީ ދޮގު ވީޑިއޯއެއް ކަމަކަށް އެއްވެސް ފަރާތަކުން އަދި ބުނެފައެއް ނުވެ އެވެ. ވީޑިއޯގެ މައްސަލައިގައި އަލީ ހަމީދު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އަދި ގޯލްޑަން ލޭންގެ އެއް ޑިރެކްޓަރު މުހަންމަދު ސައީދު ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ