ރިޔާސީ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން މިފަހަރު ހިންގިފަދަ ނޭއްގާނީ ކަންތައްތަކެއް ރާއްޖޭގެ ތާރީހުގައި ވެސް އިންތިހާބެއްގައި ހިންގާފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ އިސްވެރިންނާއެކު މިރޭ ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އިންތިހާބުގައި ހިންގާފައިވާ ނޭއްގާނީ ކަންތައްތަކުގެ ސަބަބުން މިހާރު ކޯޓްތަކަށް ހުށައެޅިފައިވާ މައްސަލަތަކުގެ މައްޗަށް ޝަރީއަތުން ނުކުންނަ ކޮންމެ ނަތީޖާއަކަށް އިހުތިރާމް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ކޯޓްތަކުގެ ނިންމުންތަކަށް ގޮންޖައްސަވާ އެކަމާއި ދެކޮޅަށް ވަކާލާތު ކުރައްވާނެ ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށެވެ.
"އިލެކްޝަންގެ މައްސަލަތައް ހިފައިގެން ކޯޓަށްދާން ޖެހުނީ ކޮމިޝަންގެ މެންބަރުންގެ ސަބަބުން. އަޅުގަނޑު ތެދުވެ މިހުރީ ރައްޔިތުންގެ ހައްގުގައި ވަރަށް ސާބިތުކަމާއެކު. އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި. އިންތިހާބީ ތާރީޚުގައި އޮޅުވާލެވުނު އެންމެ ބޮޑު އިންތިހާބަކީ މިއީކަން ސާބިތުކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ. "ހަގީގަތުގައި ވެސް އިނގޭތޯ މިއީ އިންތިހާބީ ތާރީހުގައި ވެސް ނުފެންނަފަދަ ނޭއްގާނީ ކަންތައްތަކެއް ހިންގާފައިވާ އިންތިހާބެއް. އަޅުގަނޑުމެން މިތިބީ ރައްޔިތުން އިންސާފު ހޯދައިދޭން ނިކުމެ. ކޯޓުން އިއްވާ ކޮންމެ ޙުކުމަކަށް ތަވާބާން މިތިބީ އިނގޭތޯ، ހަމަގައިމުގެ ވެސް އަޅުގަނޑު ނުވާނެ އެ ހުކުމާއި ދެކޮޅަށް ވަކާލާތު ކުރާ މީހަކަށް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެއްވެސް ސިޔާސީ ބަޔަކާއެކު ކޯލިޝަން ހެދުމަށް ނިންމާފައި ނުވާ ކަމަށާ އަދި އެމަނިކުފާނުގެ ގެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތް ވަޑައިގަތުމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ލީޑަރުންގެ ގޮތުގައި ތިބި މީހުން ރައްޔިތުންނަށް ލީޑަޝިޕް ދައްކަންޖެހޭ ކަމަށާ ލީޑަރުންގެ ޒިންމާއަކީ ގައުމު ބައިބައިކޮށް ފިތުނަ ކުރުން ނޫން ކަމަށެވެ. އަދި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބައްދަލު ކުރަންޖެހުނު ކޮންމެ ފަރާތްތަކާއި ބައްދަލު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ އިލެކްޝަންސް ކޮމިޝަނުން ހިންގި ޖަރީމާ ފޮރުވާ ނަންގަވައިގެން ހުންނެވި ސުޓޭންޑް ބަދަލު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"މިފަހަރު ޒަމާންތަކަކަށް ދެމިގެންދާނެފަދަ އަދުލުވެރި ޙުކުމެއް ކޯޓުން ނިންމަވާނެ ކަމަށް އުންމީދު ކުރަން. މިފަހަރު އިންތިހާބަކީ އެހާވެސް އޮޅުވާލުން ބޮޑު އިންތިހާބެއް" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިހާރު ފާހަގަކުރެވިފައިހުރި ބޮޑެތި މައްސަލަތަކަށް ބަލާއިރު އިންތިހާބު ފަސް ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިރޭގެ ޕްރަގްރާމްގައި ގާސިމް އިބްރާހިމް ވަނީ އެމްޑީޕީން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށާއި، ދައުލަތުގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުން ގެންދާތީ އެކަމާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ބިރުދެއްކުމުގެ ގޮތުން އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާ އަތުގައި ބާރު އޮތްކަމަށް ހީކޮށް ކުރަން އުޅޭ އެއްވެސް ކަމަކުން ނަތީޖާއެއް ނުނުކުންނާނެ ކަމަށެވެ. އަދި އަނިޔާވެރިވުން ދޫކޮށްލާ އެހެން މީހުންނަށް ވެސް އިޙްތިރާމްކޮށްގެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ގޮވާލެއްވި އެވެ.
"އިހުތިރާމް ލިބޭނީ ފުރަތަމަ ތިމާ މީހާވެސް އެހެން މީހުންނަށް އިޙްތިރާމް ކޮށްގެން. އެހެންވީމާ ބިރު ދެއްކުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާ ވާހަކައާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާ ވާހަކަ ދައްކާނެ ކަމެއް ނެތް. އެކަމެއް ނުވާނެ އިރާދަކުރައްވިއްޔާ. ބައްލަވާ މިއަދު އެކަން ކޮށްފައި ތިބެވިދާނެ. އެކަމުގެ ފަހުންވާނެ ގޮތަކާމެދު ވެސް ވިސްނާލަންޖެހޭ ދެއްތޯ؟ ވަރަށް ސާފުކޮށް މިދަންނަވަނީ އެކަމެއް ނުކުރެވޭނެ،" ގާސިމް ވިދާޅުވި އެވެ.
މިރޭގެ ޕްރަގްރާމްގައި ވެސް ގާސިމް ވަނީ ރައްޔިތުން ކެތްތެރިކަމާއެކު ތިބުމަށާއި ޖުމްހޫރީ ގުޅުމުން އަބަދުވެސް ރައްޔިތުންނާއެކު ތިބޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
މިއީ އިންތިހާބީ ތާރީހުގެ އެންމެ ބޮޑު އޮޅުވާލުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ