ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބައެއް ކަންކަމުގައި ޝައްކު އުފެދޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާއި އެމްޑީއޭ އިން މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ އިންތިހާބުގައި ވާދަ ކުރެއްވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންތިހާބާ ގުޅިގެން ނެރުއްވެވި ބަޔާނުގައި ވެސް ކަންބޮޑުންތައް ފާހަގަ ކުރައްވާފައިވާ ކަމަށާއި ރިޔާސީ އިންތިހާބުގެ ބައެއް މަރުހަލާގައި ކަންތައްތައް ހުރީ ކަންބޮޑުވާ، ވަރަށް ބޮޑަށް ޝައްކު އުފެދޭ ގޮތަށް ކަމަށެވެ. މީގެ އިތުރަށް ރައީސް މައުމޫން ވިދާޅުވީ އިންތިހާބުގެ ފުރުތަމަ ބުރުގައި ރައްޔިތުން ވޯޓް ދިނީ ދެ ފަޅިއަކަށް ކަމަށާއި އެ ދެ ފަޅިއަކީ ރައީސް މުހައްމަދު ނަޝީދުގެ ފަޅި އާއި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އަންނަން ނޭދޭ ފަޅިއަށް ކަމަށެވެ. އަދި ޕީޕީއެމް އިން އެބުނާ "ބޮޑު ފަޅި" އަކީވެސް އެއީ ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭ ޖަލްސާގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ޕީޕީއެމް ދޫކުރައްވާ ވަޑައިގަންނަވަން އުޅޭ ހަބަރުތަކަށް ރައްދު ދެއްވާފަ އެވެ. މައުމޫން ވިދާޅުވީ މަހުލޫފު ހުންނަވާނީ ޕީޕީއެމްގައި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް ދޫކޮށް މަހުލޫފް ވަޑައިގަންނަވަން އުޅޭ ވާހަކައިގެ ސަބަބުން ގިނަ ބަޔަކު ނުތަނަވަސްވެފައިވާތީ މިއަދު އެމަނިކުފާނު މަހްލޫފަށް ފޯނުން ގުޅުއްވި ކަމަށާއި އެކަމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި ވިދާޅުވި އެވެ: "އިރު އޮއްސުނުއިރު ފޯނުންގުޅާ ވާހަކަ ދެކެވުނު، [މަހުލޫފް] ހިތްޕުޅު ނުތަނަވަސްވާ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވި، ގަބޫލު ކުރަން އެކަހަލަ ކަންތައްތަކެއް ހުރެދާނެ،" މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން އަދި ވިދާޅުވީ އެކަހަލަ ވާހަކަތަކެއް ދެކެވެނު ނަމަވެސް "މަހްލޫފު ހުންނަވާނީ ޕީޕީއެމްގައި" ކަމަށެވެ.
އިންތިހާބުގައި ޝައްކުގެ އުފެދޭ ކަންކަން އެބަހުރި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ