ދިވެހި ދައުލަތާއި ދެކޮޅު އެންމެ ބޮޑު އަމަލެއް ހިންގަނީ ސުޕްރީމް ކޯޓުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓީވީއަށް އަމާޒުކޮށް މިއަދު ދެވުނު ނުރައްކާތެރި ހަމަލާގައި އެސްޓޭޝަނުގެ ޓްރާންސްމިޝަން މެދުކެނޑި އަލުން ހިދުމަތް ދޭން ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ ހާއްސަ ލައިވް ކަވަރޭޖްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓް މިހާރު ހިންގަނީ ޣައިރު ގާނޫނީ ގޮތަކަށް ކަމަށާއި، ސުޕްރީމް ކޯޓުގައި ހިންގަމުންދާ ވިޔާ ނުދާ ކަންކަމުގައި އުއްތަމަފަނޑިޔާރުވެސް މިހާރު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރިން ފެނޭ ކަންބޮޑުވުމުން އުއްތަމަފަނޑިޔާރު އަމިއްލަފުޅަށް ބަޔާންތައް ނެރުއްވާތަން. މިހާރު ފެނޭތޯ؟ މިހާރު ކީއްވެގެންތޯ އެފަދަ ބަޔާންތައް ނުނެރުއްވަނީ" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގެ ބާރު މިހާރު ކެނޑެމުންދާ ކަމަށާއި، ނޮވެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ރައީސްއަކު އިންތިހާބު ނުކުރެވިއްޖެނަމަ ގާނުނު އަސާސީ ދެމި ނޯންނާނެ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެތާރީހަށް ރައީސްއަކު އިންތިހާބު ކުރެވޭނެ ކަމަކަށް" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވޯޓާ ގުޅޭ ހައްގުތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިއްޕަވައިގެން ތިއްބެވިޔަސް ރައްޔިތުން ނިންމާފައިވާ ގޮތް ވަރަށް ސާފު ކަމަށެވެ. އަދި ރައްޔިތުން ނިންމިގޮތް ސުޕްރީމް ކޯޓަށް ބަދަލުނުކުރެވޭނެ ކަމަށާއި، ރައްޔިތުން އެފުރުސަތު ނުދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުން ދަތުރުކުރާ މިސްރާބު ރައްޔިތުން ބޭނުންވާ ގޮތް މިހާރު އެބަ އިނގޭ. ރައްޔިތުން ދަތުރުކުރަން ބޭނުންވާ މިސްރާބަށް ސުޕްރީމް ކޯޓަކަށް ހުރަހެއް ނޭޅޭނެ" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެ ޓީވީއަށް ދިން ހަމަލާ ކުށްވެރިކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެހަމަލާއާ ގުޅިގެން ސިހުން ލިބުނު ނަމަވެސް ރާއްޖެ ޓީވީގެ މުވައްޒަފުންނާ ނޫސްވެރިން ފަހަތަށް ނުޖެހުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ކޮންމެ ނޫސްވެރިއެއްގެ ފަހަތުގައި ސިފައިންގެ މީހަކު ބަހައްޓައިގެން ނަމަވެސް ހިޔާލުފާޅުކުރުމުގެ ހައްގު ދަމަހައްޓަންޖެހޭ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި މީޑީއާ ސްޓޭޝަންތައް ހިމާޔަތްކޮށްފައިވާނެ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ވަހީދާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެއްވެސް އިހްލާސްތެރިކަމެއް ހުރި ނަމަ ރާއްޖެ ޓީވީއަށާއި، ރާއްޖެ ޓީވީ ހިންގަމުންދިޔަ އިމާރާތަށް ލިބުނު ގެއްލުންތަކަށް ބަދަލުދެއްވާނެ ކަމަށާއި، އަދި އެކަން ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދައުލަތާ ދެކޮޅު އެންމެ ބޮޑު އަމަލެއް ހިންގަނީ ސުޕްރީމް ކޯޓުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ