މި އަހަރު ނިމުމުގެ ކުރިން އައްޑޫ ހައި ސްކޫލް އިޔާދަކުރަނިވި ހަކަތަ އަށް ބަދަލު ކުރަނީ

އައްޑޫ ހައި ސްކޫލްގެ ކަރަންޓް މި އަހަރު ނިމުމުގެ ކުރިން އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި ތިމާވެއްޓާ ރައްޓެހި ހުރިހާ ކަމެއް އެ ސްކޫލްގައި ކުރަން ނިންމާފައިވާ ކަމަށް ޒައިދް ފިއުޗާ އެނަޖީ އެވޯޑް އޭޝިއާ ސަރަހައްދުން ލިބުނު އައްޑޫ ހައި ސްކޫލުން އިއްޔެ ބުނެފި އެވެ. މިދިޔަ ހޯމަ ދުވަހު އަބޫދާބީގައި ބޭއްވި މި އަހަރުގެ އެވޯޑް ހަފުލާގައި ބައިވެރިވެވަޑައި ގަތުމަށް ފަހު، އެ ވޯޑާ އެކު އިއްޔެ އައްޑު އަށް ވަޑައިގެން، ހައި ސްކޫލްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕްރިންސިޕަލް އިބްރާހީމް ނަދީމް ވިދާޅުވީ ޒައިދު ފިއުޗަ އެނަޖީ އެވޯޑަކީ އެތައް ގޮތަކުން ހާއްސަ ޝަރަފެއް ކަމަށެވެ. އައްޑޫ ހައި ސްކޫލަށް ލިބުނު ޒައިދު ފިއުޗަ އެނަޖީ އެވޯޑާ އެކު އިއްޔެ އައްޑު އައުމުން ގަން އެއާޕޯޓުން މަރުހަބާ ކިޔަނީ.---ހަވީރު ފޮޓޯ/ އަހުމަދު އަދުޝަން އޭޝިއާ ސަރަހައްދުގައި ނަން ހިނގާ އެތައް ބަޔަކު ފަހަތަށް ޖައްސާލައި އެވޯޑް ހާސިލް ކުރެވުމަކީ ކުޑަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި މިއީ އިޔާދަކުރަނިވި ހަކަތައަށާއި ތިމާވެއްޓާ ރައްޓެހި އާދަތަކަށް އެ ސްކޫލް އަހުލުވެރި ކުރަން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ނަދީމް ވިދާޅުވި އެވެ. ގްރޭޑް 11-12 އަށް ކިޔަވައިދޭ ހައި ސްކޫލަށް އެވޯޑް ލިބުނީ އިޔާދަކުރަނިވި ހަކަތައަށް ދޭ ސަމާލުކަން އިތުރުކޮށް، އެކަމާ ގުޅޭ ގޮތުން އެ ސްކޫލުގައި ކުރަމުން އަންނަ ތަފާތު މަސައްކަތްތަކާ ގުޅިގެންނެވެ. ގްލޯބަލް ހައި ސްކޫލު ކެޓަގަރީން މި އެވޯޑަށް ގިނަ ސްކޫލުތަކަކުން ޕްރޮޕޯސަލް ހުށަހެޅިއިރު، އައްޑޫ ހައި ސްކޫލުން ހުށަހެޅީ އިޔާދަކުރަނިވި ހަކަތައިން ސްކޫލު ހިންގާނެ ގޮތުގެ ޕްރޮޕޯސަލެކެވެ. އެ ސްކޫލުން މި ޕްރޮޖެކްޓް ފަށައިފައި ވަނީ 2011 ވަނަ އަަހަރު އެވެ. އެއީ އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ "ވެށި"ގެ އެހީތެރިކަމާ ވެސް އެކުގަ އެވެ. އައްޑޫ ހައި ސްކޫލަށް ލިބުނު ޒައިދު ފިއުޗަ އެނަޖީ އެވޯޑާ އެކު އިއްޔެ އައްޑު އައުމުން ގަން އެއާޕޯޓުން މަރުހަބާ ކިޔަނީ. ހަވީރު ފޮޓޯ/ އަހުމަދު އަދުޝަން އެގޮތުން އައްޑޫ ހައި ސްކޫލްގައި ވަނީ 2.8 ކިލޯގެ ކަރަންޓް އުފެއްދޭ ސޯލާ ޕެނަަލެއް މިދިޔަ އަހަރު ހަރުކޮށްފަ އެވެ. ނަދީމް ވިދާޅުވީ އެވޯޑް ލިބުމާ އެކު، ބޮޑެތި ޒިންމާތަކެއް ވެސް މިހާރު އެބަހުރި ކަމަށެވެ. އެެހެެންވެ ކުރިއަށް އޮތް ތަނުގައި ހަމައެކަނި މުޅި ސްކޫލަށް ބޭނުންވާ ކަރަންޓް އުފައްދަން ސޯލާ ޕެނަލް ހަރުކޮށްފައި ނިންމާލާނީ ނޫން ކަމަށް ވިދާޅުވި އެވެ. ހަމައެއާ އެކު ތިމާވެއްޓާ ރައްޓެހި ހުރިހާ ކަމެއް ސްކޫލަށް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި އެވެ. ޒައިދު ފިއުޗާ އެނަޖީ އެވޯޑާ އެކު އައްޑޫ ހައި ސްކޫލަށް ވަނީ 100،000 ޑޮލަރު ވެސް ލިބިފަ އެވެ. ނަދީމް ވިދާޅުވި ގޮތުގައި އެ ފައިސާ ހަރަދު ކުރާނީ އިޔާދަކުރަނިވި ހަކަތަ އާއި ތިމާވެއްޓާ ރައްޓެހި އެކިއެކި ޕްރޮގްރާމްތައް ހިންގުމަށެވެ. އަދި ފައިސާ ދޫކުރަމުން ގެންދާނީ ސްްކޫލުން ހުށަހަޅާ ޕްރޯސަލްތަކުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައްޑޫ ހައި ސްކޫލަށް ލިބުނު ޒައިދު ފިއުޗަ އެނަޖީ އެވޯޑާ އެކު އިއްޔެ އައްޑު އައުމުން ގަން އެއާޕޯޓުން މަރުހަބާ ކިޔަނީ. ހަވީރު ފޮޓޯ/ އަހުމަދު އަދުޝަން ނަދީމް ވިދާޅުވީ އެންމެ އަވަަހަށް ކުރާނެ ކަމަކީ މުޅި ސްކޫލްގެ ކަރަންޓް މި އަހަރު ނިމުމުގެ ކުރިން އިޔާދަކުރަނިވި ހަކަތަ އަށް ބަދަލު ކުރުން ކަމަށެވެ. އެކަމަށް ބޭނުންވަނީ 45 ކިލޯވޮޓްގެ ކަރަންޓެވެ. އެކަން ކުރަން 2017 އާ ހަމައަށް ސުންގަނޑި އޮތް ނަމަވެސް، އެހާތަނަށް އެކަން މަޑު ޖައްސާލައިގެން ނުތިބޭނެ ކަމަށް ވިދާޅުވި އެވެ. "ޒައިދު ފިއުޗާ އެނަޖީއާ އެކު މި އޮންނަ އެގްރިމަންްޓްގައި އޮންނަނީ 2017އާ ހަމައަށް މި ޕްރޮޖްކެޓް ގެންދެވޭނެ ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެން ގަސްދެއް ނުކުރަން ކޮންމެހެން މިކަން ދިގު ދަންމާކަށެއް،" ނަދީމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެބަހުރި ޗެލެންޖެސްތަކެއް. ސޯލާ ޕެނަލަކީ ރާއްޖޭން ލިބެން ހުންނަ އެއްޗެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ފުރަތަމަ ސަޕްލައިސް އައިޑެންޓިފައިކޮށް މިކަން ވާނެ ޕޮސިބިލިޓީޒްތައް ހޯދައި މި ހުރިހާ ކަމެއްކޮށް، މި މަސައްކަތް ކުރާނެ ބަޔަކު ހޯދައި މިހެން ގޮސް ކަންތައްތައް ވާން ވަގުތު ކޮޅެއް ނަގާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން މިކަން ވޭތޯ. އަދި 2017 އާ ހަމައަށް މުއްދަތު އޮތަސް އަޅުގަނޑުމެން މަޑު ކުރާކަށް ބޭނުމެއް ނޫން." އައްޑޫ ހައި ސްކޫލަށް ލިބުނު ޒައިދު ފިއުޗަ އެނަޖީ އެވޯޑާ އެކު އިއްޔެ އައްޑު އައުމުން ގަން އެއާޕޯޓުން މަރުހަބާ ކިޔަނީ. ހަވީރު ފޮޓޯ/ އަހުމަދު އަދުޝަން އެވޯޑް ހަފުލާގައި ވެސް ބައިވެރިވެވަޑައިގެންނެވި އަދި އިއްޔެގެ ޕްރެސްގައި ވެސް ބައިވެރިވެވަޑައިގެންނެވި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑު ހައި ސްކޫލަށް ޒައިދު ފިއުޗަ އެނަޖީ އެވޯޑް ލިބުމަކީ، ރާއްޖޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ސިޓީ އަކަށް އައްޑޫ ހެދުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ. އަދި މިއީ އެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ތިމާވެއްޓާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް ސޯބެ ވިދާޅުވި އެވެ. އެގޮތުން އައްޑޫގައި މިހާރު ބޭނުންކުރާ ކަރަންޓްގެ 25 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އަށް ހެދުމާއި ތިމާވެއްޓާ ރައްޓެހިކޮށް ކުނި މެނެޖް ކުރުން ފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އައްޑޫ ހައި ސްކޫލާ އެކު ޕާޓްނަޝިޕެއް ހަދައިގެން، ތިމާވެށީގެ ދާއިރާ އިން ގިނަ ޕްރޮގްރާމްތަކެއް އެކި ފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ރާއްޖޭން ބޭރުގައި މިހާރު އެންމެ ނަން ހިނގާ ސްކޫލްގެ ގޮތުގައި އައްޑޫ ހައި ސްކޫލްވެގެން ދިއުމަކީ ކުލަގަދަކޮށް ފާހަަގަ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ކައުންސިލުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށް ސޯބެ ވިދާޅުވި އެވެ. ޒައިދު ފިއުޗަ އެނަޖީ އެވޯޑާ އެކު އައްޑޫ ހައި ސްކޫލްގެ ޓީމާއި މޭޔަރު އިއްޔެ މެންދުރު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓްގައި ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ. އައްޑޫ ހައި ސްކޫލް ދަރިވަރުންގެ އިތުރުން މަރަދޫފޭދޫ ސްކޫލްގެ ބައެއް ދަރިވަރުން ވެސް ހައި ސްކޫލަށް މަރުހަބާ ކިޔާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ