ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ރައްޔިތުންނަށް މަހަށް ދިޔުމަށް 500 ދޯނި ދެއްވާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު މިގޮތަށް ވިދާޅުވީ މިރޭ އެޕާޓީގެ ފަރާތުން މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިހާރު ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާ ގާސިމް އިބްރާޙިމް ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގައި ކޮންމެ އަހަރަކު ރައްޔިތުންނަށް 100 ދޯނި ދެއްވާނެ ކަމަށާއި އެ ދޯނިތަކަށް ފައިސާ ދައްކަން ޖެހޭނީ 10 އަހަރުން ކަމަށެވެ. ގާސިމް ވިދާޅުވީ އެ ދޯނި ތަކުން ގިނަ އަދަދެއްގެ ވަޒީފާ ވެސް ލިބި ޑޮލަރުގެ އަގުވެސް ހެޔޮވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި މާތް ﷲ ގެ ވާގިފުޅާއިއެކު 100 ދޯނި ހޯދަ ދޭނަން ކޮންމެ އަހަރަކު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް، ކޮންމެ އަހަރަކު 100 ދޯނި ހޯދަ ދޭނަން 5 އަހަރު ދުވަސް ވަންދެން. އެއީ ކިހާވަރެއްގެ ލާރިއެއްކަން އެނގިވަޑައިގަނޭތޯ، 100 ދޯންޏަށް ކިތައް މިލިއަން ރުފިޔާކަން، ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު އަހަރަކު." ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 500 ދޯނިން ދުވާލަކު 220 ދުވަހު މަހަށް ދާ ކަމަށްވަންޏާ ދުވާލަކު 1 ޓަނު މަސް ބާނާނެ ކަމަށް ބަލާ 220 ދުވަހު މަހަށް ފުރޭނެ ކަމަށް ބަލައިފިއްޔާ ދުވާލަކު 1 ޓަނު ބޭނި ކަމުގައިވިޔަސް ދުވާލަކު މަސް ޓަނެއް ބޭރުކޮށްލެވިއްޖެ ނަމަ 2،000 ޑޮލަރު ލިބޭނެ ކަމަށާއި އޭރުން ކޮންމެ 100 ދޯންޏަކުން އަހަރަކު 44 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ޑޮލަރުގެ އަގު 14 ރުފިޔާއަށް ހައްދަވާނެ ކަމަށާއި މަސްވެރިކަން ރަނގަޅު ކުރުމަށް ރާއްޖޭގެ ކަނޑުތަކުގައި އަޅާފައި ހުރި ކޮންމެ ބޮއްޔަކަށް 3 ބޮއި އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި މިއަދު 150،000 ރުފިޔާއަށް އެކަންކޮށް ނިންމާލެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ޑޮލަރުގެ އަގުވެސް ދަށްކޮށްދޭނަން މާތް ﷲ ގެ ވާގިފުޅާއިއެކު މިއަހަރު 17 ރުފިޔާ 16 އަށް ވިއްކަމުންދާ ޑޮލަރު އަޅުގަނޑުމެން ގަނެދޭނަން މާތް ﷲ ގެ އިރާދަފުޅާއިއެކު 14 ރުފިޔާއަށް، އެކަމަކު އެއީ ފުރަތަމަ ދުވަހަކުން އެކަމެއް ނުކުރެވޭނެ، އެކަމުވެސް މާތް ﷲ ގެ ވާގިފުޅާއިއެކު މިދެންނެވި ކަހަލަ އިގުތިސޯދީ މަސައްކަތް ކުރުމަށް މީހުންނަށް ފުރުސަތު ދީގެން ނޫނިއްޔާ ކިހިނެއްތޯ އަޅުގަނޑުމެން ތަރައްގީ ކުރިއަށް ގެންދަނީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކޮރަޕްޝަންގެ އެންމެ އަމަލެއް ހިންގަން ވެސް ލާހިކެއް ނޫން ކަމަށާއި ކޮރަޕްޝަންގެ އަމަލެއް ހިންގި ނަމަވެސް އެކަން ކުރި މީހަކަށް އެކަމުގެ ހައްގު އަދަބު ލިބޭނެ ކަމަށެވެ. އަދި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ މީހުން ޖުމްހޫރީ ޕާޓީއަށް ތާއީދުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ގާސިމް އިބްރާހިމް މީގެކުރިން ވެސް ވަނީ އެތަކެއް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ދެއަހަރު ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
މީގެއިތުރުން ހަނޑޫ، ހަކުރު، ފުއް އަދި ބޯފެން މާލެއިން ލިބޭ އަގުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހަމަޖެއްސުމާއި ދެއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އޭލެވެލް އިން ފާސްވާ ކޮންމެ ކުއްޖަކަށް ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަށާއި ގްރޭޑް 8 އިން ފެށިގެން ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ދިނުމަށާއި އެއް އަހަރު ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕްރީ ސްކޫލެއް ގާއިމުކޮށްދޭނެ ކަމަށް ވެސް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.
މި ވައުދުތަކުގެ އިތުރުން ވެސް ގާސިމް ވަނީ މީގެކުރިން އެތަކެއް ވައުދުތަކެއް ވެވަޑައިގެންފައެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި ރައްޔިތުންނަށް 500 ދޯނި ދޭނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ