ތަސްމީން ފެކްޝަނަށް ޔާމީންގެ ރައްދު: މައުމޫން ފެކްޝަނުން ބާއްވާ ރެލީތަކުން އަޅުގަނޑު ޕްރޮމޯޓްވާ ނަމަ ކޮންމެ ރެއަކު ޖަލްސާ ބާއްވައިގެން ތަސްމީން ޕްރޮމޯޓްވާންވީ!

މައުމޫނު ފެކްޝަނާ ގުޅިގެން ބާއްވާ ރެލީތަކުގައި ޕީއޭގެ ރައީސް އަބުދުﷲ ޔާމީން ޕްރޮމޯޓްވާ ކަމަށް ގަބޫލުކުރައްވާ ނަމަ، ކޮންމެ ރެއަކު ރެލީތައް ބާއްވަވައިގެން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވެސް ޕްރޮމޯޓް ވުމަށް މަސައްކަތް ކުރެއްވުމަށް ޔާމީން ގޮވައިލައްވައިފި އެވެ.
ޑީއާރުޕީގެ މައުމޫން ފެކްޝަނާ ގުޅިގެން ޕީއޭގެ ރައީސް އަބުދުﷲ ޔާމީން ގިނަ ރެލީތަކެއް ބާއްވަމުން ގެންދަވާތީ، ޑީއާރުޕީގެ ލޯގޯ ބޭނުންކޮށްގެން ޔާމީން ޕްރޮމޯޓް ވުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާމަށް، ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ތުހުމަތު ކުރައްވާފައިވާތީ، ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި، ތަސްމީނަށް ރައްދު ދެއްވަމުން ޔާމީން ރޭ ވިދާޅުވީ، ސިޔާސީ އިދިކޮޅު ލީޑަރެއް ހުންނަކަމަށް ވަނީ ނަމަ އެފަދަ ރެލީތައް ބޭއްވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑަށް ވަރިހަމަ އެބޭފުޅުންގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް. އަޅުގަނޑު ގަބޫލުކުރާ ހަގީގަތަކީ ރިޔާސީ އިދިކޮޅު ކެންޑިޑޭޓަކު ހުންނަންޏާ އެ މަސައްކަތް ކުރަން އެބަޖެހޭ. ހުރިހާ ސިޔާސީ ލީޑަރުން އެކަން ކުރައްވަންވީ. އެތަނުގައި ރެލީ ބާއްވައިގެން ޔާމީން ޕްރޮމޯޓްވާ ކަމަށް ވަންޏާ، އެބޭފުޅުން އެ ހަގީގަތް ގަބޫލު ކުރައްވަންޏާ ކޮންމެ ރެޔަކު ތަސްމީން ރެލީއެއް ބާއްވަވަންވީ. އޭރަށް ތަސްމީން އަދި މާބޮޑަށް ޕްރޮމޯޓްވާނެ. ކޮންމެ މީހަކު ވެސް އެމީހަކު ޕްރޮމޯޓްވާން ކުރާ މަސައްކަތެއް ކުރައްވަންވީ. އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް،" ޔާމީން ވިދާޅުވި އެވެ.
ޕީއޭގެ ނަމުގައި ހުއްދަ ހޯދައިގެން ޑީއާރްޕީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްގެން ޖަލްސާ ބާއްވަމުންގެންދާ ކަމަށް ބުނެ ތަސްމީން ފެކްޝަނުން މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައަށް ވެސް ޔާމީން ރޭ ރައްދު ދެއްވި އެވެ.
ތަސްމީން ވިދާޅުވީ، ޕީއޭ އަކީ ޑީއާރުޕީއާ އެގްރީމެންޓް ހަދާފައިވާ ޕާޓީއެއް ކަމަށެވެ. އަދި އެ އެގްރީމެންޓްގައި ސޮއި ކުރައްވާފައި ވަނީ ޑީއާރުޕީގެ އެންމެ ޝަރަފްވެރި މަގާމުގައި ހުންނެވި އެ ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު ކަމަށެވެ. އަދި މައުމޫނު ފެކްޝަނާ ގުޅިގެން ރެލީތައް ބާއްވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިދިކޮޅު ކޮންމެ ޕާޓީއަކުން އެދުނު ނަމަވެސް އެ ބަޔަކަށް ތަން ހޯދައި ދިނުމަށް ޕީއޭ އިން މަސައްކަތްކޮށްދޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ތަސްމީނު ފެކްޝަނަށް އެކަން ކޮށްދިނުމަށް ޕީއޭއިން އޮތީ ތައްޔާރަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"މައުމޫނު ފެކްޝަނުން އެތަން ހިފަން ބޭނުންވެގެން އަޅުގަނޑުމެން ކައިރީގައި ބުނީ. އަޅުގަނޑުމެން ހަރަދު އުފުލާ ގޮތަކަށް ވެސްނޫން. އެބޭފުޅުން ފައިސާ ހޯއްދަވައިގެން ހަރަދު ކުރައްވަނީ. އަޅުގަނޑުމެން ކޮންމެ ވެސް ވަރަކަށް އެހީތެރިވަން. ސަރުކާރު ޖަވާބުދާރީ ކުރުވަން ތަން ހޯދަން ދަތިވެގެން ކޮންމެ ބަޔަކު ބުނި ނަމަވެސް އެކަން ކޮށްދޭނަން. ނަމަވެސް އެއީ އަޅުގަނޑުމެންގެ ހަރަދަކުނޫން. އަޅުގަނޑުމެންގެ ބޭނުމަކީ ކޮންމެ ދުވަހަކު ސަރުކާރު ޖަވާބުދާރީ ކުރުވުން،" ޔާމީން ވިދާޅުވި އެވެ.
މައުމޫނު ފެކްޝަނާއި ޕީއޭ ގުޅިގެން ބާއްވާ ޖަލްސާތަކުގައި ޑީއާރުޕީގެ ދިދަ އާއި ލޯގޯ ބޭނުންކުރަމުންދާތީ ތަސްމީން ފެކްޝަނުން އެކަން މަނާކުރި މައްސަލައާ ބެހޭ ގޮތުން ޔަމީން ވިދާޅުވީ، މައުމޫނު ފެކްޝަނުގައި ވެސް ތިބެނީ ޑީއާރުޕީގެ މެންބަރުން ކަމަށެވެ. އަދި އެ ޖަލްސާތައް އަޑުއަހަން ދަނީ ވެސް ޑީއާރުޕީގެ މެންބަރުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"މައުމޫނު ފެކްޝަނުން ޑީއާރުޕީގެ ދިދަ އާއި ލޯގޯ ބޭނުންކުރާ މައްސަލައަށް ބަލާލާއިރު އެ ބޭފުޅުންނަކީ ވެސް އެ ޕާޓީގެ ބޭފުޅުން. އަނެއްކާ ޖަލްސާ އަޑުއަހަން އެދަނީ ގައިމު ވެސް ޑީއާރުޕީގެ މެންބަރުން. އެމީހުންގެ ހިތުގެ ލޯތްބާއި އިހްތިރާމް އޮތީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށްވާތީ އެހާގިނަ މީހުން އެދަނީ. ދެން ދެބައިމީހުންނަށް އެއް އޮޑިއެއްގައި ނުތިބެވެންޏާ ތަސްމީންމެން އެއްރޭ [ޖަލްސާ] ބާއްވައިފައި އަނެއްރޭ މައުމޫނު ފެކްޝަނުން ބާއްވަނީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ޖަލްސާތަކުގައި ޕީއޭގެ ލޯގޯ އާއި ދިދަ ބޭނުން ނުކުރައްވަނީ ދައްކާ މަންޒަރަށް ވުރެ ބޮޑަށް ކަން ކުރަން ބޭނުން ބަޔަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އެހާ މުހިއްމެއްނޫން އެތަނުގައި ޕީއޭގެ ދިދަ ހުންނާކަށް. ޕީއޭގެ ލޯގޯ ހުންނާކަށް. ޑީއާރުޕީ އާއި އަޅުގަނޑުމެންނާ މިއަށް ވުރެ އުފާވެރި ބައްދަލުވުންތަކުގައި މިއަށް ވުރެ ރަނގަޅަށް އެކަން ކުރިއިރު އެބޭފުޅުން ބޭނުންވީމަ ޕީއޭގެ ދިދަ އާއި އެއްޗެހި ބެހެއްޓިން. އެކަމަކު އެބޭފުޅުން އަޅުގަނޑުމެންނަށް ދައުވަތު ދިނުން ހުއްޓާލެއްވީ ވެސް." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހޯދައި ދިނުމަށް ސަރުކާރު ޖަވާބުދާރީ ނުކޮށް އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ކައިރީގައި ދައްކާނެ މާބޮޑު ވާހަކައެއް ނޯންނާނެ ކަމަށެވެ.
"ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހޯދައި ދިނުމަށް، ނުވަތަ އެކަންކަން ފަހިކޮށްދިނުމަށް ސަރުކާރު ޖަވާބުދާރީ ނުކޮށް، 2013 ތިމަންނަމެންނަށް [ވެރިކަން] ދީފިއްޔާ ރައްޔިތުން ބޭނުން ކޮންމެ ކަމެއް ކޮށްދޭނަމޭ ބުންޏަސް އެކަމެއް ރައްޔިތުން ގަބޫލެއް ނުކުރާނެ." ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ