ފަސް ބައްދަލުވުން ބޭއްވި އިރު ވެސް ޅ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް ނުހޮވިފައި!

ޅ. އަތޮޅު ކައުންސިލްގެ ރައީސާއި ނައިބު ރައީސް ހޮވުމަށް މިއަދު ބޭއްވި ބައްދަލުވުމާ އެކު ފަސް ބައްދަލުވުން ބޭއްވި އިރު ވެސް ވޯޓު އެއްވަރުވެ، ނަތީޖާއަކާ ހަމައަށް ވާސިލުވެފައި ނުވާތީ، ކައުންސިލަރުންގެ މެދުގައި އެކަން ހައްލު ކުރުމަށް މަޝްވަރާކުރަން ފަށައިފި އެވެ.
ޅ. އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކައުންސިލަރުން އިއްޔެ ހުވައި ކުރެއްވުމަށް ފަހު، ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ އާއި ރޭ ބޭއްވި ބައްދަލުވުންތަކަށް ފަހު ވެސް އެކަމަށް ހައްލެއް ގެނެވިފައި ނުވާކަމަށެވެ.
"އިއްޔެ ވެސް ތިން ބައްދަލުވުން ބޭއްވި ނަމަވެސް ވޯޓު އެއްވަރު ވުމުގެ ސަބަބުން ރައީސަކު ނުހޮވުނު. އަދި ރޭ ބޭއްވި ބައްދަލު ވުމާއި މިއަދު ބޭއްވި ބައްދަލުވުމުން ވެސް ވޯޓުވީ އެއްވަރު. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް މިއަދު މިވަނީ ފަށައިފައި. އަޅުގަނޑު އުއްމީދު ކުރަނީ މި މައްސަލައަށް މިއަދު ހައްލެއް ގެނެވޭނެ ކަމަށް،" ކައުންސިލަރު ވިދާޅުވި އެވެ.
ހަ މެންބަރުން ހިމެނިވަޑައިގަންނަވާ ޅ. އަތޮޅު ކައުންސިލަށް ހޮވިވަޑައިގެންފައި ވަނީ، އެމްޑީޕީގެ ތިން މެންބަރުންނާއި ޑީއާރުޕީގެ ދެ މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައް ވަނީ، ޅ. ނައިފަރު ދާއިރާ އިން ހޮވިވަޑައިގެންނެވި، ޑީއާރުޕީގެ ދެ މެންބަރުންގެ ތެރެއިން ރިލުވާނު އަލީ އާއި ކުރެންދޫ ދާއިރާ އިން ހޮވިވަޑައިގެންނެވި އެމްޑީޕީގެ މެންބަރު އިބުރާހިމް މުހައްމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ