ބެލެނެވެރިން ނިކުމެ ށ. ގޮއެދޫ ސްކޫލް ބަންދުކުރުމަށްފަހު އަލުން ހުޅުވައިފި

ބެލެނެވެރިން ނިކުމެ ށ. ގޮއެދޫ ސުކޫލުގައި ތަޅު އަޅުވާ ބަންދުކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ށ. ގޮއެދޫ އިން ވާހަކަ ދެއްކި ބެލެނެވެރިޔަކު ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން މިހާ ހިސާބަށް އައިއިރު އެރަށު ސުކޫލް ހިންގާނެ ޕްރިންސިޕަލަކާއި، ޕްރައިމަރީ ގްރޭޑްތަކަށް ހިސާބު މާއްދާ ކިޔަވަދޭނެ ޓީޗަރުން އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި ނުވާ ކަމަށެވެ.
އަދި ތަފާތު ތިން ފަހަރެއްގެ މަތިން ބެލެނެވެރިން ނިކުމެ އިހްތިޖާޖް ކުރުމުން ސްކޫލުގެ ފަރާތުން އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްދީފައިވާނެ ކަމަށް ވެސް އެމީހާ ވަނީ ބުނެފަ އެވެ.
ނަމަވެސް މިހާތަނަށް އައިއިރުވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، ޓީޗަރުން ހަމަނުވުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ބުރޫ އަރާ އެކުދިންނަށް ދަތި އެތައެް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި ބެލެނެވެރިން ވަނީ ބުނެފަ އެވެ.
ބެލެނެވެރިން ބުނީ ގޮއެދޫ ސުކޫލު އަލުން ހުޅުވީ ބެލެނެވެރިންގެ އެދުމާއި އެއްގޮތަށް އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ ކުރިން އެ ސުކޫލަށް ޕްރިންސިޕަލަކާއި، ހިސާބު ޓީޗަރުން ހަމަޖައްސައިދޭނެ ކަމުގެ ލިއުމެއް އެޑިއުކޭޝަން މިނިސްޓްރީން ދިނުމުން ކަމަށެވެ.
ވީނިއުސް އާ ވާހަކަ ދައްކަމުން ށ. ގޮއެދޫ ސުކޫލު ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރ ހަސަން ފާއިޒު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ބެލެނެވެރިންގެ އެދުމާއި އެއްގޮތަށް ޕްރިންސިޕަލަކާއި ޓީޗަރުން ހަމަޖައްސަދޭނެ ކަމުގެ ޔަގީންކަންދީ ލިއުމެއް ދީފައިވާ ކަމަށެވެ. އަދި މިހާރު ސުކޫލު އަލުން ހުޅުވާ ކިޔަވަދެމުންދާ ކަމަށްވެސް ފާއިޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ