ނާޒިމްގެ މައްސަލާގައި ވިލާގެ ނަން ބޭނުންކުރީ ފްރޭމްކޮށް ގެއްލުންދިނުމަށް: ގާސިމް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، ވިލާގެ ނަން ހިމަނައިގެން ވާހަކަ ދައްކަމުންދަނީ ވިލާ ގުރޫޕް ބަދުނާމުކޮށް އެމަނިކުފާނު ފްރޭމު ކުރުމަށް ކަމަށް ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކާނަލް ނާޒިމުގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިއަދު ބޭއްވި އަޑު އެހުމުގައި ދައުލަތުން ދެއްކި ވާހަކަތަކާއި ގުޅޭ ގޮތުން ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ގްރޫޕާއި ބެހޭ ގޮތުން ދައްކާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ދައުލަތުން ބުނާ ވިލާ ގްރޫޕަކީ ދުވަހަކު ވެސް ޣައިރު ގާނޫނީ ކަމަށް ހިތްވަރުދީ އެހީތެރިވާނެ ބައެއް ނޫން ކަމަށާއި އަދި އެފަދަ އެހީތެރިކަމެއް ދުވަހަކުވެސް ދީފައި ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެފަދަ ކަމަކަށް އަޅުގަނޑުވެސް އަޅުގަނޑުގެ އަތްބަކުވެސް ދަރިއަކު ވެސް އަދި ބައިވެރިވާ ތަނަކުންވެސް އެހީތެރިކަމެއް ނުދޭނެ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ދައުލަތުން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިގެން ބަޔަކު ފްރޭމު ކުރުމަށް ކަމަށާއި، ކާނަލް ނާޒިމު ފްރޭމު ކުރި ގޮތަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އިތުރު ބަޔަކު ފްރޭމުކޮށް އެކަހެރި ކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ނާޒިމްގެ މައްސަލައިގައި ދައުލަތުން ދައްކާ ވާހަކަތައް މިއަދު ދެކޮޅު ނުޖެހޭ ކަމަށާއި، މި މައްސަލައިގައި ފުލުހުންނަށް ވެސް ދެކޮޅު ނުޖެހޭ ބައެއް ވާހަކަތައް ރައްޔިތުންނާ ހިސާބަށް ގެނެވިފައިވާ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އެ މަނިކުފާނާއި، ވިލާ ގުރޫޕް ބަދުނާމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް ދެރަކޮށް ކުރަމުންދާ ކަމެއް ކަަމަށެވެ.
"މިއިން ވެސް އިނގެނީ ވެރިކަަމަށް ކުރިމަތިލާނެ ކަމަށް ހީވާ ކޮންމެ މީހަކު ވެސް ފްރޭމް ކޮށް އެކަހެރިކުރާނެ ކަން،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަކު މިއަދު ދިވެހި ރައްޔިތުން އެފަދަ ވާހަކަތައް ގަބޫލު ނުކުރާނެ ކަމަށާއި، ސަރުކާރުން ކުރަމުންދާ ކަންތައްތައް ރައްޔިތުންނަށް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ. މިއަދުގެ ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ފަށާފައިވަނީ މިފަދަ އެތައް ކަމެއް ހުރުމުން ކަމަށާއި، މިއަދު ކުރަމުން މިދަނީ ރާއްޖޭގެ މުސްތަގުބަލު ހަމަހިމޭންކޮށް އަދުލުއިންސާފު ލިބިދޭ އަދި އަސާސީ ހައްގުތައް ކަށަވަރު ވެގެންދާ ގައުމެއް ބިނާކުރުމުގެ މަސައްކަތް ކަމުގައިވެސް ގާސިމް އިބްރާހިމް ވިދާޅުވި އެެވެ.
"ގައުމަށްޓަކައި، ގައުމުގެ އަމާންކަމާއި ހަމަޖެހުމާއި، ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އެވަގުތަކު ކުރަން ޖެހުނު ކޮންމެ ކުރުމުގައި ޖެހިލުން ނުވެ އަޅުގަނޑު ތެދުވެ ހުންނާނަން،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ