ގާނޫނާ ހިލާފަށް އިންތިހާބު ލަސްކުރުމަށް ޕީޕީއެމްގެ ނަމުގައި ބަޔަކު ލަފާދިން ކަމުގައިވީ ނަމަވެސް ގާނޫނާ ހިލާފަށް އިންތިހާބު ލަސްކުރުމަކީ ޕީޕީއެމްގެ އެއްވެސް މެންބަރަކު ގަބޫލުކުރާ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އޮފީހުން ބުނެފި އެވެ.
ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނެފައި މިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު މިހާރު ކަނޑައަޅާފައިވާ ތާރީހުން ފެށިގެން ދެމަސް ދުވަސް ފަސްކުރަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވެސް އިންތިހާބު ފަސްކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތެއްގަ އެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގާނޫނުން ލާޒިމު ކުރާ ކަމެއް ކަމަށެވެ. ގާނޫނާ ހިލާފަށް އިންތިހާބު ލަސްކުރުމަކީ ޕީޕީއެމްގެ އެއްވެސް މެންބަރަކު ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެހެންކަމުން ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބޭއްވުމަށް ކަމާބެހޭ ހުރިހާ މުއައްސަސާ ތަކަށް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
މިބަޔާނުގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ބުނެފައިވާ ގޮތުން ނަމަ ލޯކަލް ކައުންސިލު އިންތިހާބު ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އިންތިހާބު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނިކޮށް، އިންތިހާބު ދެ މަހަށް ފަސް ކުރުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ޚިލާފަށް، ދިވެހި ރައްޔިތުންގެ ހައްގުތަކާ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ހައްގުތަކާ މެދު ވިސްނުމެއްނެތި ވަކިބައެއްގެ މަސްލަޙަތަށް ބުރަވާ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އިންތިހާބު ބާއްވަން ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ނުބޭއްވުމަކީ ގާނޫނުގެ ވެރިކަން ހިންގުމަށް ހުރަސް އެޅުން ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް ކޮމިޝަނުގެ އަމަލުތައް ހުރި ގޮތުން ކޮމިޝަނުގެ މިނިވަން ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލް އިންތިހާބު ފަސްކުރަން ކޯޓަށް ހުށަހެޅި މައްސަލާގައި ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތާއި، ކޯޓުގައި ވަކާލާތުކޮށްފައިވާ ގޮތުން ކޮމިޝަނުގެ މިނިވަން ކަމާއި މެދު ގިނަ ރައްޔިތުން މިއަދު ސުވާލު އުފައްދާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ އިންތިހާބު ފަސްވާ ކޮންމެ ދުވަހަކީ ވެސް އެ އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ ދުރަށްދާ ދުވަހެއް ކަމަށެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން، އެކޮމިޝަނުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށް ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބާއްވައި ދިނުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
"އިންތިހާބުގައި ވާދަކުރުމެކޭ އެއްފަދައިން އެ އިންތިހާބަށް ތާއީދު ހޯދުމަކީވެސް އިންތިހާބަށް ކުރިމަތިލާ ކޮންމެ ފަރުދަކަށާއި ސިޔާސީ ޕާޓީ އަކަށް ގާނޫނު އަސާސީން ފުރިހަމައަށް ލިބިދީފައިވާ ހައްގަކަށް ވާއިރު، އެކި ޕާޓީ ތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުން ހިންގާ ކެމްޕެއިން ހަރަކާތްތަކަށް އެކި މުއައްސަސާތަކުން، އެކި އުޒުރުތައް ދައްކައި އަޅަމުންދާ ހުރަސްތައް އެޅުން ހުއްޓާލައި، ގާނޫނު އަސާސީއިން ލިބިދިފައިވާ ހައްގުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހަމަހަމައަށް ދިނުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ،" ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އިންތިހާބު ލަސްކުރުމަކީ ޕީޕީއެމްގެ އެއްވެސް މެންބަރަކު ގަބޫލުކުރާ ކަމެއް ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ