އެހެން ކޯޓުތައް އަމަލުކުރާނެ ގޮތް ސުޕްރީމް ކޯޓުން ބުނުމުން މެންބަރުން ކަންބޮޑުވެއްޖެ

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސުޕްރީމް ކޯޓުން އެހެން ކޯޓުން ނެރުނު ސަރކިއުލާއެއްގައި އެހެން ކޯޓުތައް މި ދަނޑިވަޅުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާތީ ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މެންބަރުން ކަންބޮޑުވެވެޑައިގެންފިއެވެ.
"ވަގުތަށް" މައުލޫމާތުދެއްވަމުން އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި މެމްބަރަކު ވިދާޅުވީ މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވެސް ސުޕްރީމް ކޯޓުން ނެރެފައިވާ އެ ސަރކިއުލާއާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 17ވަނަ ދުވަހު، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދުގެ ނަމުގައި ނެރުނު އެ ސަރކިއުލާގައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން 2020 މާރިޗު 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތުން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވީ ހިނދު، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުގެ ޚިދުމަތްހޯއްދަވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުން އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖޭގެ ހުރިހާ ކޯޓުތަކަށް އަންގާފައެވެ.
މެމްބަރުން ވަނީ ސުޕްރީމްކޯޓުން އަމަލުކުރާނެ ގޮތް ނިންމި ނަމަވެސް، އެ ކޯޓަށް ސަރކިއުލާއަކުން އެހެން ކޯޓުތަކުން އަމަލުކުރަން ޖެހޭ ގޮތް ނުނިންމޭނެ ކަމަށް ވިދާޅުވެފައެވެ.
"މިހާރު އެ ކޯޓަށް، ސުޕްރީމްކޯޓަށް ނިންމިދާނެއޭ އެ ކޯޓުން އަމަލު ކުރަންވީ ގޮތް. އެކަމަކު އެހެންކޯޓުތަކުން އަމަލުކުރަން ޖެހޭ ގޮތް ސުޕްރީމްކޯޓަކަށް ނުނިންމޭނެ އޭ. އެކަން ކުރާޏީ ޑީޖޭއޭއިން އަންގާ ގޮތަށް. އެކުރީގައި ވެސް ހެދިހެން ސާކިއުލާ ނެރުނީމަ ކަމަކު ނުދާނެތާ." ޖުޑީޝަރީ ކޮމިޓީގެ މެމްބަރަކު ވިދާޅުވިއެވެ.
ސުޕްރީމްކޯޓުގެ އެންގުމުގައި އެއްވަނަ ނުކުތާގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ކޯޓުތަކުން މީސްމީހުންނަށް އަންގާ އެންގުންތައް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެންގުމުގެ އިންތިޒާމުތައް ހަމަޖައްސައި، އެގޮތުގެމަތިން ވީ އެންމެ އަވަސް ފުރުޞަތެއްގައި މަސައްކަތްތައް ތަރުތީބުުކުރަން ޖެހޭނެކަމަށެވެ. ދެވަނަ ނުކުތާގައި އަންގާފައި ވަނީ ކޮންމެހެން ކޯޓުގެ ސަރަޙައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅި ނުވާނެ ގޮތަކަށް ދުރުމިނުގައި ތިބެވޭނެ އަދި ވަދެ ނިކުމެވޭނެ ގޮތް ހެދުމަށާއި އެކަންކަން ބެލުމަށް ކޯޓުގެ މުވައްޒަފަކު ހުރުމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރީނދޫ އެލަރޓް އިޢުލާންކޮށްފައި އޮންނަ ސަރަޙައްދެއްގައި ހުންނަ ކޯޓުތަކުގައި، އެ ކޯޓަކުން ކަނޑައަޅާ ގޮތެއްގެމަތިން، ގިނަ މީހުން އެއްފަހަރާ ޙާޟިރުނުކޮށް، ޝަރީޢަތްތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި އެގޮތުން، މައްސަލަތައް ބޭއްވުމުގައި މައްސަލަތައް ތާވަލުކުރަންވާނީ އެއްވަގުތަކު ގިނަ ބަޔަކު ޙާޟިރުކޮށް ބައިތިއްބަން ނުޖެހޭ ގޮތެއްގެ މަތިން ކަމަށް އެ ކޯޓުން ބުނެއެވެ.
އަދި ވަސީލަތްތައް ލިބެން ހުރިނަމަ، ކޮންމެހެން ބާއްވަންޖެހޭ މައްސަލަތައް، ވީޑިއޯ ނުވަތަ އޯޑިއޯ ލިންކްގެ އެހީގައި ބޭއްވުމުގެ ކަންކަން އިންތިޒާމު ކުރަންވާނެކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި ބަލާ މައްސަލަތަކުގައި ފޯނު ނުވަތަ އީ-މެއިލް މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެވެން އޮތްނަމަ، ދެވިދާނެ ކަމަށް އެ ސަރކިއުލާގައިވެއެވެ.
އެ ސަރކިއުލާގައި މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ނުވަތަ ރިސްކް ކެޓަގަރީއެއްގައި ހިމެނޭ ފަރާތަކަށްވެފައި، އެފަރާތަކުން ކޯޓަށް ޙާޟިރުވުމަށް އިޢުތިރާޟުކުރާނަމަ، އެފަރާތަކީ އެފަދަ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ހުށަހެޅުމުން، އެއީ އެ ޙާލަތުގައި، ކޯޓަަށް ޙާޟިރުނުވުމަށް މަޤުބޫލު ޢުޛުރެއް ކަމުގައި ބަލަންވާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އެ ސަރަޙައްދެއްގައި އޮރެންޖް އެލަރޓް އިޢުލާންކޮށްފައި އޮންނަ ޙާލަތުގައި އެއް ފަނޑިޔާރަށްވުރެ ވުރެ ގިނަ ފަނޑިޔާރުން ތިބޭ ކޯޓުތަކުގައި، ޑިއުޓީ ތާވަލެއް އެކުލަވާލައި،ފަނޑިޔާރުން މަސައްކަތްކުރާނެ އިންތިޒާމު ހަމަޖެއްސުމާއި، ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ އަޑުއެހުންތަކާއި، ކަނޑައެޅިގެން ކޯޓުތަކުން ވަކި ވަގުތެއްގައި ނުވަތަ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އެ ސާކިއުލާގައި ބުނެފައެވެ.
ސުޕްރީމް ކޯޓުން އެހެން ކޯޓުތައް އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިއިރި ޑިޕާޓުމަންޓު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައި މިވާ ހާލަތުގައި ކޯޓުތަކައި ޝަރުއީ ދާއިރާގެ މުވައްޒަފުން އަމަލުކުރާނެ ގޮތްތަކެއް ބަޔާންކޮށް އުސޫލެއް އެކުލަވާލާފައެވެ.ް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ