މެމްބަރު ރިޔާޒު މާލެ ވަޑައިގަތުމުން ފާޑުކިޔައިފި.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އޭނާގެ ދާއިރާގެ ރަށް ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު ހުއްދަ ލިބިގެން މިއަދު މާލެ ވަޑައިގަތުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މާލެ ލޮކްޑައުންކޮށްފައިވަނިކޮށް  ރިޔާޒަށް މާލެ އެރުމުގެ ހުއްދަ ދިނުމުން އެކަމަށް އެތައް ބައެއްގެ ފާޑުކިޔުމާއި ސުވާލުތައް ވަނީ އަމާޒުވެފަ އެވެ. ބައެއް މަޖިލިސް މެމްމަބަރުންވެސް ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. މިދުވަސްވަރުގައި އެއްރަށުން އަނެއް ރަށަށް އެރުން މަނާކޮށްފައިވަނިކޮށް ރިޔާޒް ދަތުރުކޮށްފައި މާލެ ވަޑައިގަތުމުން އެންމެންގެ ޝަކުވާތަކާއި ކުރިމަތިލާންޖހިއްޖެއެވެ.
މަޖްލީހުގެ އެހެން މެންބަރުން ވެސް މާލެ އެރުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ އެޗްޕީއޭ އަދި ޕޮލިސް އިން ދީފައި ނުވާއިރު، ރިޔާޒަށް އެ ހުއްދަ ލިބުނީ ކިހިނެއް ކަމާ މެދު އާންމުން އަންނަނީ ކަންބޮޑުންވުން ފާޅުކުރައްވަމުންނެވެ.
މިކަމާ ގުޅިގެން ރިޔާޒު ވިދާޅުވީ، އޭނާ ތިމަރަފުއްޓަށް ވަޑައިގެންނެވީ، މިމަހު 11 ވަނަ ދުވަހު ގޮސް ރިޓާން ޓިކެޓްގައި 15 ވަނަ ދުވަހު އަންނަ ގޮތަށް ކަމަށެވެ. ނަމަވެސް 15 ވަނަ ދުވަހު މާލެ ލޮކްޑައުންވުމުން މާލެ ނާދެވި ތާށިވީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ބޯޑިން ޕާސް އަތުގައި އޮއްވާ މާލެ ލޮކްޑައުންވީ. އެ ޓިކެޓް ކެންސަލްވުމުން ތިމަރަފުށީގައި ތާށިވީ. 17 ވަނަ ދުވަހު އެޗްޕީއޭގެ އީމެއިލްއަށް [މާލެ އައުމުގެ] ހުއްދައަށް އެދި އީމެއިލް ކުރީ. ހުއްދަ ލިބުނީ 25 ގައި. 26 ގައި ފުރައިގެން އައީ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެޗްޕީއޭއަށް ހުއްދައަކަށް އެދުމުން ޖަވާބެއްގެ ގޮތުގައި ލިބުނީ ފުލުހުން މިކަމުގައި ޖަވާބެއް ދޭނެ ކަމަށެވެ. އަދި ހުއްދަ ލިބުނީ ފުލުހުންގެ ފަރާތުން ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒަށް ހުއްދަ ދިނުމުން ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން އާންމު ނިކަމެތި މީހާއަށް ހުއްދަ ނުލިބިި، ރިޔާޒު މެމްބަރަކަށް ވުމުން ވަކި ގޮތަކަށް ކަންތައްކުރީކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ