ސިވިލް ކޯޓުގެ ޙުކުމަށް އަމަލު ކުރުން މައުމޫން އަށް ފަސްކުރެވިދާނެތަ؟

ވެރިކަންކުރާ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ތެރޭގައި ހުޅުރޯވެ އަނދަން ފެށީކީ އިއްޔެއަކު މިއަދަކު ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ހިސާބުން އޮތީ ޕާޓީގެ ތެރޭގައި ހުޅުރޯވެފައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ރައީސް މައުމޫން އާއި "ނުބައްސާ" ކަންތައްތައް ކުރަން ފެށުމާއި އެކު ހަޤީޤަތުގައި ޕާޓީގެ ތެރޭގައި އޮތީ ދެފެކްޝަން އުފެދިފައެވެ.
އެންމެ ފަހުން މީގެ ދެތިންމަހެއްހާ ދުވަސް ކުރިން ފާޅުގައި މިހުޅުގަނޑު ބޭރަށް ފެންނަން ފަށާ ހުޅުގަނޑު ބޮޑުވާނެ އެންމެ ބޮޑަކަށް މިހާރު މިވަނީ ބޮޑުވެފައެވެ. މިސިޔާސީ ބޮޑުހުޅުގައި ޕީޕީއެމް އަށް ވެގެންދާނީ ކިހިނެއްތޯ ކުރެވޭ ސުވާލު އިހައް ބާއްވާށެވެ. ޕީޕީއެމްގެ ހިންގުން މިހާރު ސިވިލް ކޯޓުން މިވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކޮށްފައެވެ.
ސިވިލް ކޯޓުގެ ޙުކުމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޙުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާއި ހައިކޯޓުން މައްސަލައިގައި ވަކިގޮތެއް ނުނިންމަނީސް އެއްވެސް ބޭފުޅަކު ޙުކުމަށް އަމަލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "ކޯޓުގެ ޙުކުމަށް އިހްތިރާމް ކުރަން" ކަމަށް ވިދާޅުވި ނަމަވެސް ރައީސް މައުމޫން ވިދާޅުވީ "ކޯޓުގެ ޙުކުމް ތަންފީޒެއް ނުކުރާނަން" ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވި ފަދައިން ކޮންމެ ޙުކުމެއް ވެސް އިސްތިއުނާފު ކުރުމުގެ ޙައްޤު ހަމަކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫނުގެ (77) ވަނަ މާއްދާގައި ބުނެފައި އޮންނަނީ "ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިޢުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާ، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާ، މުސްތަޤިއްލު މަޤާމުތަކުގައި ތިބިމީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާ އެންމެހާ ރައްޔިތުންގެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެކެވެ."
ކޯޓަކުން ކުރާ ޙުކުމަކީ ޤާނޫނީ މަފްހޫމްތަކާއި ކަނޑައެޅިގެން ހިލާފަށް އަދި މިފަދަ އެހެން މައްސަލަތަކުގައި އަމަލު ކުރަމުން އަންނަ އޫސުލުތަކާއި ހިލާފަށް މައްސަލަ ރައްދުވާ ފަރާތުގެ ޙައްޤުތައް ނިގުޅައިގެންފައިވާ ޙުކުމެއް ކަމަށް ތިމާގެ ބުއްދިއަށް ގަބޫލު ކުރެވުނު ނަމަވެސް އެޙުކުމަކަށް އަމަލު ނުކުރާނަމޭ އަމިއްލަ އަށް ބުނެ ކޯޓުގެ ޙުކުމެއް ބޮލާލާ ޖެހުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެެވެ. ޤާނޫނުތަކުގެ ދަށުން އެބާރު އެއްވެސް މީހަކަށް ނުލިބެއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ޙުކުމަށް އަމަލު ނުކުރައްވާނެ ކަމަށާއި އަދި އެހެން ބޭފުޅުން ވެސް އެޙުކުމަށް އަމަލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވާއިރު "ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާއި ބެހޭ ޤަވައިދުގެ" (4) ވަނަ މާއްދާގެ (13) ވަނަ ނަމްބަރުގެ (ށ) ގައި ބުނެފައި އޮންނަނީ "މަދަނީ މައްސަލަތަކުގައި ކޯޓުގެ ޙުކުމަކަށް ނުވަތަ ނެރޭ އަމުރަކަށް ނުވަތަ އެންގުމަކަށް ނުވަތަ ވަކިގޮތަކަށް ޢަމަލުކުރަން އަންގާ ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ގަސްތުގައި ޢަމަލުކުރަން، ނުވަތަ މިނޫންވެސް ގޮތަކަށް ކޯޓުން ކުރަން އަންގާ ކަމަކާއި ޚިލާފުވާގޮތަށް ޢަމަލުކުރުން، ނުވަތަ ހިނގަމުންދާ ޝަރީޢަތެއްގައި އަނެއް ފަރާތަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ގޮތުން ކަމެއް ކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމެވެ."
މީގެ އިތުރުން "ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާއި ބެހޭ ޤަވައިދުގެ" (23) ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ "ކޯޓުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލެއް ކުރީ ޤާނޫނީ ޝަޙްސެއް ނުވަތަ މުއައްސަސާއެއްނަމަ އެ ވަގުތަކު އެތަނެއް ހިންގުމާ ޙަވާލުވެ ހުރި އެންމެ އިސް ފަރާތެއް ނުވަތަ އެކަމަކާ ޙަވާލުވެހުރި ފަރާތެއް އެކަމާ ޒިންމާ ވާންޖެހޭނެއެވެ. އަދި އެފަދަ ޙާލަތެއްގައި އަފަރާތަކަށް ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ އަދަބު ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ."
ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ޕީޕީއެމްގެ ހިންގުން ރައީސް ޔާމީން އާއި ހަވާލު ކުރައްވާފައި ވަނިކޮށް ރައީސް މައުމޫން މިއަދު ސުވާލު އުފެދޭ ގޮތަކަށް ބޭފުޅުންކޮޅެއް އެއްކުރައްވައިގެން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަކީ ވެސް ސިވިލް ކޯޓުގެ ޙުކުމާއި ހިލާފަށް ކުރެއްވެވި ކަމެކެވެ.
ސިވިލް ކޯޓުގެ ޙުކުމާއި މެދު ރައީސް މައުމޫން އަމަލު ކުރައްވަމުން އެގެންދަވާ ގޮތައް ބަލާއިރު "ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާއި ބެހޭ ޤަވައިދުގެ" (5) ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި އަދި އެޤަވައިދުގެ (23) ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ރައީސް މައުމޫންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ ދައުވާ ކުރުމުގެ ފުރުސަތު މިހާރު މިވަނީ ތަނަވަސް ވެފައެވެ.
އިސްތިއުނާފު ކުރުމުގެ ފުރުސަތު ޤާނޫނުން ތަނަވަސްވެފައި އޮތުމަކީ މައްސަލައެއްގެ ޙުކުމް ތަންފީޒު ކުރުން އަމިއްލަ އަށް ފަސްކުރެވޭނެ ކަމެއް ނޫނެވެ. މިއަދުވެސް އަދި މީގެ ކުރިން ވެސް ކޯޓުތަކުން ކުރި ޙުކުމްތަކުގެ ސަބަބުން ޖަލު ޙުކުމްތައް ތަންފީޒު ކުރަމުންދާ އެތައް ބަޔަކު ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ. އޭގެ ތެރެއިން އެތައް ބަޔަކު މައްސަލަ މަތީ ކޯޓުތަކުގައި އިސްތިއުނާފު ކޮށްފައި ވީނަމަވެސް މަތީ ކޯޓުން ގޮތެއް ނިންމަންދެން އެމީހުން ދޫކޮށެއް ނުލައެވެ. ޝަރުޢީ ހުރިހާ މަރުހަލާއެއް ނިމެންދެން އެމީހުން މިނިވަންކަމާއި އެކު ދޫކޮށްލާފައެއް ނުތިބެއެވެ.
ރައީސް މައުމޫން އަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު 30 އަހަރު ދުވަސް ވަންދެން ކުރައްވާފައިވާ ބޭފުޅަކަށް ވީނަމަވެސް ރައީސް މައުމޫންގެ މައްޗަށް ވެސް ޤާނޫނު ހިނގާނެއެވެ. ޤާނޫނު އަސާސީގެ (17) ވަނަ މާއްދާ އިން ކޮންމެ ދިވެހި ރައްޔިތަކީ ޙައްޤުތައް ހަމަހަމައަށް ލިބިގެންވާނެ މީހެއްކަން ކަށަވަރުކޮށްދެއެވެ. އެހެންކަމުން ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ތަންފީޒު ކުރުން ހުއްޓުވުމުގެ ބާރު ރައީސް މައުމޫނަކަށް ނެތެވެ. ޝަރުޢީ ކޯޓެއްގެ ޙުކުމް ތަންފީޒު ކުރުމަށް ރައީސް މައުމޫން ހުރަސް އަޅުއްވާނަމަ އެމަނިކުފާނު އެކުރައްވަނީ ޤާނޫނީ ކުށެކެވެ. އަދި ޤާނޫނުގައި އަދަބު ކަނޑައެޅިފައި އޮތް ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ