ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުން އުންމީދުކުރާ މަންޒަރު ފެންނާނެ ކަމަށާއި ޖުމްހޫރީ ޕާޓީން ހަގީގީ ޖުމްހޫރީ ވެރިކަމެއް ގާއިމުކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޖޭޕީން ފަށާފައިވާ ހޭވައްލާ ކެމްޕޭނުގެ ދަށުން ތ.އަތޮޅާއި ލ.އަތޮޅަށް ކުރާ ދަތުރުގައި ތ.ތިމަރަފުށީގައި މިރޭ ބޭއްވި ޓައުންހޯލް ބައްދަލުވުމުގައެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖެއަށް ގެނެވުނީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި ރައްޔިތުންގެ ޑިމޮކްރެސީއެއް ގާއިމުކުރެވި 10 އަހަރު ފާއިތުވެފައިވާއިރު ދެ ޕާޓީއަކުން ރާއްޖޭގައި ވެރިކަން ކޮށްފައިވާ ކަމަށެވެ. ޖުމްހޫރީ ޕާޓީއަށް އަދި އެފުރުސަތު ލިބިފައި ނުވާ ކަމަށާއި މާޒީގެ ތަޖުރިބާއަށް ބަލާފައިވެސް ޖޭޕީއަށް މިފަހަރު ފުރުސަތު ދޭންޖެހޭ ކަމަށެވެ. ޖުމްހޫރީ ވެެރިކަމެއްގައި ފެނިގެންދާނީ ވަރަށް އުފާވެރި، ރައްޔިތުން އުންމީދު ކުރާ ފަދަ މަންޒަރުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މެނިފެސްޓޯވެސް، އަޅުގަނޑުމެންގެ އައިޑިއޮލޮޖީވެސް އަދި އަޅުގަނޑުމެންގެ ފިކުރުވެސް އެހުރިހާ އެއްޗެއް އަޅުގަނޑުމެން ބައްޓަން ކުރަމުންމިދަނީ އެމަގުސަދު ހާސިލްކުރުމަށްޓަކައި. މިއަދު އަޅުގަނޑުމެންގެ ލީޑަރު ގާސިމް އިބްރާހީމް ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާ ވަރަށް ކައިރިން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަޅުގަނޑުގެ ކަނާތްފަރާތުން މިއިންނެވީ ޑރ.އަބްދުﷲ މައުސޫމް، ދެން އެއިންނެވީ ޑރ.ހުސައިން ރަޝީދު ހަސަން، ދެން ޖެހިގެން މިއިންނެވީ ޑރ.އާސިމް އަހުމަދު. އަދިވެސް މިކަހަލަ ކިތަންމެ ޑޮކްޓަރުން އަޅުގަނޑުމެންގެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ" ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އުންމީދަކީ މިހުރިހާ ބޭފުޅުންގެ ތަޖުރިބާއާއި އިލްމުގެ އަލީގައި ޖުމްހޫރީ ޕާޓީ މިއަދަށްވުރެ އުސްމިންތަކަކަށް ދަތުރުކުރުން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ސަފުގައި ޖޭޕީއަށް އެންމެ ކުރި ލިބުން ކަމަށެވެ.
ޖޭޕީން ތިމަރަފުށީގައި މިރޭ ބޭއްވި ޓައުންހޯލް ބައްދަލުވުން ޚާއްސަކޮށްފައިވަނީ މިހާރު ޖަލުބަންދުގައި ހުންނެވި ތިމަރަފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އަބްދުﷲ ރިޔާޒާ އެކުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ އެމަނިކުފާނު ހޯމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ރިޔާޒު ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރަަކަށް ހުންނެވި ދުވަސްވަރު ކަމަށެވެ. ރިޔާޒަކީ މިނިސްޓަރުގެ އަތުން ގޯސް ނުހެދޭގޮތަށް ވަރަށް އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭގެ ފަހުން ބައްދަލުވީ 2013ގެ އިންތިޚާބު ނިމި، މަޖިލީސް އިންތިޚާބު ކައިރިވަމުން އައިއިރު ޖޭޕީގެ ތެރެއިން ކަމަށެވެ.
އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކިނބިދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ވަޑައިގެން ރިޔާޒު ފާހަގަވެގެންގޮސްފައިވަނީ ރައްޔިތުންގެ ކޮޅަށް ވޯޓު ދެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ބޭރުމީހުންނަށް ބިން ވިއްކުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެނައުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާޒު ވޯޓު ނުދެއްވާ ކަމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވޭނީ އުމުރުން 65 އަހަރުން ދަށުގެ ބޭފުޅުންނަށް ކަމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ވެސް ރިޔާޒު ވޯޓު ނުދެއްވާކަން ފާހަގަކުރެއްވިއެވެ.
"މިމައްސަލަތަކަކީ ހަގީގަތުގައި ޖޭޕީން އެކަންކަމާ އެއްކޮޅަށް ވޯޓުދޭން ނިންމާފައި ހުރި ކަންކަމަށް ވީނަމަވެސް ޖުމްހޫރީ ޕާޓީގެ މެމްބަރަކަށް އިންނަވައިގެން ވެސް ރައްޔިތުންނާ އެއްކޮޅަށް ރައްޔިތުންގެ ހައްގުގައި ވޯޓުދެއްވި ބޭފުޅެއްގެ ގޮތުގައި ރިޔާޒު ހިމެނިގެންދާނެ. މިއީ އަޅުގަނޑު ދަންނަވާ އެއްޗެއް ނޫން. މިއީ ތާރީޚު ހެކިދޭ ކަމެއް. އެކަން ތިބޭފުޅުން ބެއްލެވީމަ އެނގިވަޑައިގަންނަވާނެ މިއީ ދޮގެއް ނޫންކަން" އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޕާޓީ ހިންގެވުން ހަވާލުކުރެއްވީ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާ ކަމަށާއި އެމަސައްކަތް އެންމެ ގާތުން ދެކެވަޑައިގަތް އެއް ބޭފުޅަކަށް އެމަނިކުފާނު ވާނެ ކަމަށެވެ. އެގޮތުން ޕާޓީ ހަރުދަނާކޮށް ކުރިއެރުވުމަށް ވަރަށް އާދަޔާ ޚިލާފު މަސައްކަތްތަކެއް ރިޔާޒު ކުރައްވާފައިވާ ކަމަށެވެ.
ރިޔާޒު މިއަދު ހައްޔަރުގައި ހުންނަވަން ޖެހުމަކީ ޖުމްހޫރީ ޕާޓީއަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެއް ކަމަށާއި ޕާޓީގެ މެމްބަރުންވެސް ވަރަށް ހިތާމަކުރާ ކަމެއް ކަމަށް ޖޭޕީގެ ނާއިބު ލީޑަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިޔާޒު ހައްޔަރުކުރެވުނު ގޮތާއި، ހައްޔަރުގައި ބެހެއްޓުނު ގޮތާއި، ހައްޔަރު ދެމެހެއްޓުނު ގޮތާއި، އުފެއްދުނު ދައުވާއާއި، ކުރެވުނު ޝަރީއަތާއިމެދު ވެސް އިންތިހާއަށް ކަންބޮޑުވުން އެބަހުރި ކަމަށެވެ. ރާއްޖޭގެ ހުރިހާ ކޯޓަކީވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހެދިފައި ހުރި ތަންތަން ކަމަށާއި އެހެންކަމުން ލަސްތަކެއް ނުވެ ރިޔާޒަށް އިންސާފު ލިބިވަޑައިގެން އެނބުރި ވަޑައިގެން ޕާޓީގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޖޭޕީގެ ނާއިބު ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުން އުންމީދުކުރާ މަންޒަރު ފެންނާނެ: ކަމާލުއްދީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ