ސައުދީގެ ރައްޔިތުން ލުބުނާނުން ފޭބުމަށް އަންގާފައިވަނިކޮށް މީހަކު ވަގަށް ނަގައިފި

ލުބުނާނަށް ސައުދީ އަރައްބިއްޔާގެ ރައްޔިތުން ދަތުރުނުކުރުމަށް ސައުދީ ސަރުކާރުން އެންގިތާ ދެ ދުވަސް ފަހުން ލުބުނާންގައި ދިރިއުޅޭ ސައުދީގެ ރައްޔިތަކު ވަގަށް ނަގައިފިއެވެ.
އަލްއަރަބިޔާއިން ހަބަރުދޭ ގޮތުގައި ލުބުނާނުން ވަގަށް ނަގާފައިވަނީ ނުވަތަ ކިޑްނެޕްކޮށްފައިވަނީ މައުންޓް ލެބަނަންގައި ދިރިއުޅޭ ސައުދީ ރައްޔިތެއް ކަމަށްވާ އަބުދު އަލް ޝަމްރަވީ 32އ އެވެ.
އޭނާ އަކީ ސީރިޔާގެ ރައްޔިތެއް ކަމަށްވާ ފާސިލާ އަޒީޒް އާއި ކައިވެނިކޮށްގެން ލުބުނާނުގައި ދިރިއުޅެމުންދާ މީހެކެވެ. މި ދެމަފިރިން ދިރިއުޅެމުންދަނީ އަލް އަޤިބާގައި ދެމީހުން ހިއްސާވާ ގޮތަށް ހޯދާފައިވާ ގެއެއްގައެވެ.
ސަމަރްވީގެ އާއިލާއިން ބުނީ އޭނާ ވަގަށްނަގާފައިވާ މީހުން ޑިމާންޑް ކުރަމުންދަނީ މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ކަމަށެވެ. އެހެންނޫންނަމަ އޭނާ ދޫކޮށް ނުލާނެ ކަމަށް އާއިލާއަށް އަންގާފައިވާ ކަމަށެވެ.
ލުބުނާނުގައި ހުންނަ ސައުދީ އެންބަސީން ގެންދަނީ މި މައްސަލަ ބަލަންފަށާފައެވެ. އެމްބަސީން ބުނީ ވީހާވެސް އަވަހަށް ސަމަރްވީ މިނިވަންކޮށްދިނުމަށް ލުބުނާންގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލުބުނާނުގެ ފުލުހުންވެސް ގެންދަނީ ސަމަރްވީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ އަންހެނުން ފުލުހުންނަށް ގުޅާ ފިރިމިހާ ވަގަށް ނަގާފައިވާކަން އެންގީ މިއަދެވެ. އަދި ސަމްރަވީ މިވަގުތު ހުރި ލޮކޭޝަނެއް ހޯދައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ