އެއް ކެންޑިޑޭޓަކު ނެރޭނަމަ ޖޭޕީގެ ވިސްނުމަކީ ގާސިމް: ރިޔާޒު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރޭ ނަމަ ޖުމްހޫރީ ޕާޓީން ބޭނުންވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލަރުންނާއެކު މިއަދު ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން 2018 ގައި އެއްކެންޑިޑޭޓެއް ނެރޭ ނަމަ ޖުމްހޫރީ ޕާޓީގެ ވިސްނުމަކަށް ވާނީ އެ ފުރުސަތު ގާސިމް އިބްރާހީމަށް ހޯދައިދިނުން ކަމަށެވެ.
ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖެއްސުމަކީ ޖުމްހޫރީ ޕާޓީގެ ހުރިހާ މެމްބަރުންގެވެސް ހުވަފެނަކަށް ވާނޭ ކަމަށާއި އަދި ރިޔާސީ އިންތިހާބުގައި ގާސިމަށް ވާދަކުރެވޭ ގޮތް ވުމަކީ ޖުމްހޫރީ ޕާޓީނން އެންމެ އެދޭ ގޮތް ކަމަށެވެ.
"[ގާސިމަށް] އެ ފުރުސަތު ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވޭ ހުރިހާ މަސައްކަތެއް ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެންމެ ހިދުމަތްތެރި އެއްބޭފުޅަކީ ވެސް ގާސިމް އިބްރާހީމް ކަމަށާއި ގައުމަށް އެންމެ ރަނގަޅު ގޮތް ގާސިމް އަބަދުވެސް އިހްތިޔާރުކުރައްވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމްގެ ވިސްނުން ފުޅަކީ ރައްޔިތުންނަށް ހަމަޖެހޭ ދުވަސްތަކެއް އަދި ސިޔާސީ ގޮތުން މިގައުމަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމް ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަން ކުރަން އެމަނިކުފާނުގެ ވިސްނުން އެބަހުރި ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ގޮތުގެ މަތިން އެމަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ގުޅިފައިވާ ޕާޓީ ތަކުގެ މެދުގައިވާ ބަދަހި ގުޅުން ކަނޑާލުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ސަރުކާރަށް އެކަމުގައި ކާމިޔާބެއް ނުލިބޭނެ ކަމުގައިވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބާ އަދި 2019 ވަނަ އަހަރު ބައްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ގުޅިފައިވާ ޕާޓީތަކުން އެކުގައި ނިކުމެ މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ