ޅ. ނައިފަރުގައި ޒިނޭކުރިކަން ސާބިތުވި އަންހެނަކު ރަޖަމް ކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ސްޕްރީމް ކޯޓުން މިއަދު ނެރެފައިވާ އަމުރެއްގައި ބުނެފައިވަނީ ނައިފަރު މެޖިސްޓްރޭޓް ކޯޓުން މީހަކު ރަޖަމްކުރުމަށް ހުކުމް ކޮށްފައިވަނީ ދައުވާކޮށްފައިވާ ގަޒިއްޔާގައި ހަވާލާދީފައިވާ ގާނޫނުގެ މާއްދާއާއި ހިލާފަށް ކަމަށެވެ.
ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް ދައުވާކޮށްފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ކަމަށެވެ. ނަމަވެސް ނައިފަރު މެޖިސްޓްެރޭޓް ކޯޓުން ހުކުމް ކޮށްފައިވަނީ އެ މާއްދާއާއި ހިލާފަށް ކަމަށްވެސް އަމުރުގައިވެ އެވެ.
ރަޖަމް ކުރުމަކީ ސައްހަ ކައިވެންޏެއްގެ މަތީގައި ހުރެ ޒިނޭކުރިކަން އަމިއްލަ އިއުތިރާފުން ނުވަތަ ހެކިންގެ ހެކިބަހުން ސާބިތުވުމުން އެމީހާ ކުދިގަލުން ތަޅައި މެރުމަށް ކުރާ ހުކުމެކެވެ.
ގާނޫނުލް އުގޫބާތުގެ 1205 ގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ކީރިތި ޤުރުއާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ. ނަމަވެސް މިފަދަ ހުކުމެއް ތަންފީޒު ކުރަންވާނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް މިމާއްދާގައި ބުނެފައިވެ އެވެ.
ގއ. ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން ވެސް މީގެ ތިން އަހަރު ކުރިން މީހަކު ރަޖަމު ކުރަން ހުކުމްކޮށްފައިވެ އެވެ. ނަމަވެސް އެއީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އޭރު އެ ހުކުމް ބާތިލްކޮށްފަ އެވެ.
ޒިނޭ ކުރި ކަން ސާބިތުވެގެން ރަޖަމު ކުރުމަށް ރާއްޖޭގައި ހުކުމް ކުރި ނަމަވެސް މިފަދަ ހުކުމެއް ފަހުގެ ތާރީހެއްގައި ރާއްޖޭގައި ތަންފީޒުކޮށްފައެއް ނުވެ އެވެ.
ޒިނޭ ކުރި އަންހެނަކު ރަޖަމްކުރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ