އަމާންކަން ގާއިމްކޮށްދިނުމުގައި މި ސަރުކާރު ވަނީ ނުކުޅެދިފައިކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މާލޭގައި މާރާމާރީ އާއި އަނިޔާވެރި އަމަލުތައް އިންތިހާއަށް އިތުރުވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ނެރުއްވާފައިވާ ނޫސްބަޔާނެއްގައެވެ.
މައުމޫންގެ އޮފީހުގެ ނޫސްބަޔާނުގައި ވިދާޅުވީ ދިވެހި ސަރުކާރުން ސިޔާސީ ފަރާތްތައް ފްރޭމްކޮށް ފަހާ ދުވުމުގެ ބަދަލުގައި، މިހާރު ރާއްޖޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް ގޮވާލާކަމަށާ މާލޭގައި ހިނގަމުންދާ ގްރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަކީ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ ޒިންމާއެއްކަމަށެވެ.
ނަމަވެސް އެކަންކަން ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ފޮރުވުމަށް މަސައްކަތް ކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެރިރަށް މާލޭގައި 7 މާރާމާރީއެއް ހިނގައި 2 ޒުވާނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި ވާއިރު، ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައިއިނެތުމަކީ، ރައްޔިތުންނަށް އަމާންކަން ގާއިމްކޮށްދިނުމުގައި މި ސަރުކާރު ނުކުޅެދިފައިވާ މިންވަރު ވަރަށް ސާފުކޮށް ސާބިތުކޮށްދޭ އަލިގަދަ ހެއްކެއްކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
އަދި މީގެ ކުރިން ސިޔާސީ މީހުން ހައްޔަރު ކުރުމުގައި ކަމާއިބެހޭ އިދާރާތަކަށް އިންޓެލިޖެންސް ރިޕޯޓްތައް ލިބުނުނަމަވެސް މިފަދަ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ނުރައްކާތެރި ކަންކަންކަމުގައި އެތަކެއް ބަޔެއް މިދުނިޔެއާ ވަކިވެދާއިރު، ކަމާއިބެހޭ އިދާރާތަކުގެ އިންޓެލިޖެންސް ރިޕޯޓްތައް ނުލިބުމުން އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ކަންކަން ނޫންކަމަށްވެސް ބުނެފައިވެއެވެ.
ރައްޔިތުންނަށް ރައްކާތެރިކަން ގާއިމްކޮށްދޭން ހަވާލުވެ ތިއްބެވި ފަރާތްތަކުން އެ ޒިންމާ ނުނަންގަވާ އަދި އެކަމުން ރެކިވަޑައިގަތުމުގެ ގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އެކިއެކި އިލްޒާމް އަޅުވައި އަދި އެއީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުން ތަކުގައްޔާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމުގެ ބެނުމުގައިކަމަށްވެސް ރައީސް މައުމޫންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ.
ސަލާމަތީ ބާރުތައް ނުހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ސިޔާސީ ފަރާތްތައް ހިފާ ހައްޔަރުކުރުމާއި، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ ބަދަލުގައި އެ މުއައްސަސާތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާލޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް މިހާރުން މިހާރަށް ސަރުކާރަށް ގޮވާލާކަމަށްވެސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
"މީގެ ކުރިންވެސް މިފަދަ މާރާމާރީތައް ހުއްޓުވުމަށްޓަކައި މޮނިކަން އަމުރުގެ ދަށުން ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ އެތަކެއް ފަރާތެއްގެ ފައިގައި ޓެގް އެޅުވުންފަދަ އެތައް މަސައްކަތެއްކޮށް މާރީމާރީ ހިންގުން ކޮންޓްރޯލް ކުރެވިފައިވާކަމަށާ ނަމަވެސް މިހާރު މާލޭގައި ވަނީ މާރާމާރީ އާއި އަނިޔާވެރި ޢަމަލުތައް އިންތިހާއަށް އިތުރުވެފައެވެ." އެބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މި ބަޔާނުގައިވވަނީ މިކަންކަން ނުހުއްޓުވޭނަމަ ކަމާއި ގުޅުންހުރި އިދާރާ ތަކާއި މުއައްސަސާތައް ހިންގަވަން ތިއްބެވި ވެރިން މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައެވެ.
އަމާންކަން ގާއިމްކޮށްދިނުމުގައި މި ސަރުކާރު ވަނީ ނުކުޅެދިފައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ