ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ހުށައަޅައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީއަށް މައްސަލަ ހުށައަޅައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ޑީޖޭއޭގެ 2016 ވަނަ އަހަރުގެ އޮޑިޓުން ފާހަގަކުރެވުނު މައްސަލަތަކެއް އިއްޔެ އޭސީސީއަށް ފޮނުވާފައިވާކަމަށެވެ.
އެހެން ނަމަވެސް އެމައްސަލަތައް ޑީޖޭއޭއިން ފޮނުވާފައި ވަނީ ވަކި މީހަކާއި ދެކޮޅަށް ނޫންކަމުގައި ޑީޖޭއޭއިން ވަނީ ބުނެފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، އެޑިޕާޓްމަންޓް އޮޑިޓް ކުރި އިރު މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ފާހަގަކުރެވިފައި ވާކަމަށެވެ.
އެ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރުގެ ކޮޓަރިކޮޅުގައި ޤަވާއިދާއި ޚިލާފަށް ހޯދާފައިވާ ޓްރެޑްމިލްއެއް ހުރި މައްސަލަ އާއި މާލިއްޔަތު ޤާނޫނާއި ޚިލާފަށް ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ މަސައްކަތްތަކެއް ކޮށްފައިވާ މައްސަލަ ފާހަގަވެެފައިވާ ކަމަށެވެ.
އަދި ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ މައްސަކަތްތައް ކުންފުންޏަކާއި ހަވާލު ކުރުމުގެ ކަންކަމުގައި ފަނޑިޔާރު އަލީ ހަމީދާއި ގުޅުން އޮތް ކަމަށެވެ.
މިގޮތުން ހުޅުމާލެ ޕްލެޓިނަމް ފްލެޓްތައް ކައިރީގައި އޮންނަ ޕާކާއި އިންވެގެން ހުރި، ކުރިން ޕްރީސްކޫލެއް ހިންގި އިމާރާތް ހުޅުމާލެ ސިވިލްކޯޓުގެ ޑިވިޜަންގެ ގޮތުގައި ހިންގުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް 6.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމުގައި ޑިޖޭއޭއިން ބުނެއެވެ.
އަދި އެތަނުގެ ބައެއް މަސައްކަތްތަކަށާއި އެޑްވާންސްފައިސާގެ ގޮތުގައި ފައިސާ ދީފައިވަނީވެސް މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށްވާތީ އެމައްސަލަތައް ބަލައިދިނުމަށް އެދުނީ ކަމުގައިވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ކޮޓަރި ކޮޅުގައި ހުރި ޓްރެޑްމިލްއަކީ ހައިކޯޓުގެ ބޭނުމަށް ހޯދި އެއްޗެއް ކަމަށް ލިޔެކިޔުންތަކުގައި ހުރި ނަމަވެސް އެކަން ހައިކޯޓުގެ އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތްކަމުގައިވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
ޑީޖޭއޭގެ އޮޑިޓުން ފާހަގަވި ކަންތައްތަކުގެ ތެރެއިން އިއްޔެ އޭސީސީއަށް ފޮނުވާފައިވަނީ 2016 ވަނަ އަހަރުގެ އޮޑިޓުން ފާހަގަވި ކަންކަން ކަމަށާއި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުވެސް އޮޑިޓްކޮށްފައި ނުވާކަމުގައި ޑީޖޭއޭއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ