މެމްބަރު ނަޝީދާއި މުހުސިން އެމްއެންޕީއާއި ދުރަށް!

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނަމުގައި އުފެއްދުމަށް މަސައްކަތްކުރާ ޕާޓީއަށް ސޮއިކުރުން މަޑުޖައްސާލަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދުއާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.ރޭ ދިވެހި ޗެނަލް އިން ގެނެސްދިން ޕްރޮގްރާމެއްގައި މި ދެ މެމްބަރުން ވިދާޅުވީ އެމްއެންޕީގައި ދެ މެމްބަރުން ސޮއިކުރި ފޯމެއް ނޯންނާނެ ކަމަށާއި އެމްއެންޕީ އާއެކު މިހާތަނަށް ކުރަމުން އައި މަސައްކަތްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.އެމްއެންޕީގެ މަސައްކަތާއި ދުރަށް ޖެހުނީ އެ ޕާޓީގެ ފަރާތުން އުއްމީދުކުރި ކަންތައްތަކެއް މިހާތަނަށް ފެނިފައި ނުވާތީ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ޕާޓީއާއެކު ނުފެންނާނެ ކަމަށް ދަންނަވަން ދަތި ކަމަށްވެސް އެ ދެ މެމްބަރުން ވިދާޅުވިއެވެ.މެންބަރު ނަޝީދާއި މުހުސިނަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ދެ މެންބަރުންނެވެ.އެ ޕާޓީއާ ދުރަށްވަޑައިގަންނަވަން ނިންމެވި ސަބަބެއް ކަމަށް މުހުސިން ވިދާޅުވީ، އެމްއެންޕީއާއެކު މަސައްކަތް ކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުއްމީދާ އެކު އަދި އެ ގޮތަށް ވާހަކަތައް ވެސް ދައްކައިގެން ކަމަށެވެ. އެކަމަކު، މިއަދާ ހަމަ އަށް ވެސް އެކަން އެ ގޮތަށް ކުރިއަށް ނުދާ ކަމަށެވެ.މި ނިންމުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވެފައި ވަނީ އޭނާ އަކީ އަދިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރެއް ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުތަކަށް "ދެގޮތެއް ނުވެ" ތާއީދު ކުރައްވާ ކަމަަށެވެ. އޭގެ އިތުރުން، އޭނާގެ ކަންބޮޑުވުމަކަށްވީ ފަސް ބޭފުޅަކު ގުޅިގެން އުފައްދަން މަސައްކަތް ފެށި އެމްއެންޕީ އަކީ "ނާޒިމްގެ ޕާޓީ" ކަމަށް މީޑިއާ އިން ކިޔާތީ ކަމަށް ވެސް ވިދާޅުވި އެވެ.ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓާ ކުރަން ބޭނުންވާ 5،000 މެމްބަރުންގެ ފޯމާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް (އީސީ) މިއަދު ވަނީ ހުށަހަހަޅައިފަ އެވެ.ޑިމޮކްރަސީ ދުވަހާ ދިމާކޮށް އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅައިފިއެ ދެ މެމްބަރުން ޕާޓީއާ ދުރަށް ވަޑައިގަންނަވަން ނިންމެވީ ކީއްވެތޯ ނޫސްވެރިން މިއަދު ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދެއްވައި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި އެ ހަމައިގެ މަތިން އެ ޕާޓީއާ ގުޅިވަޑައިގަތުމާއި ދުރަށްވަޑައިގަތުމުގެ އިހުތިޔާރު މެމްބަރުންނަށް އޮންނާނެ ކަމަށެވެ."އަޅުގަނޑުމެންނަކީ ހިޔާލު ތަފާތުވުމުގެ ތެރޭގައި ވެސް ތިބެވޭ ބައެއް. އެއްވެސް ބޭފުޅަކު އަޅުގަނޑުމެންނާ ދޭތެރޭގައި ހިތްހަމަނުޖެހުމެއް އޮތް ކަމަކަށް އަޅުގަނޑަށް އެނގިފައެއް ނެތް،" ނާޒިމް ވިދާޅުވި އެވެ."އަޅުގަނޑު އުއްމީދު ކުރަނީ އެ ބޭފުޅުން އެނބުރި ވަޑައިގަންނަވާނެ ކަމަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ