ކައުންސިލުން ވަކިވާން މީދޫ ރައްޔިތުން ޕެޓިޝަނެއްގައި ސޮއި ކުރަނީ

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން އެދި، މީދޫގެ ބައެއް ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ހުޅުދޫ އާއި މީދޫ ވަކިވާން އެދި، "އަފިރިންގެ ކައުންސިލް އަފިންނަށް"ގެ ނަމުގައި ބޮޑު ހަރަކާތެއް އަންނަނީ ހިންގަމުންނެވެ.
މިއަދު ސޮއިކުރަން ފެށި މި ޕެޓިޝަނުގައި މީދޫގެ ގިނަ ރައްޔިތުންގެ ސޮއި ހޯދުމަށް މިކަމުގައި އިސްކޮށް އުޅޭ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖުމުލަ ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި މީދޫގެ އާބާދީގެ މެޖޯރިޓީގެ ސޮއި ހޯދާނެކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.
"އަޅުގަނޑުމެން ބޭނުމީ ސިޓީ ކައުންސިލުން ވަކިވާން. ސިޓީގައި އޮވެގެން ބާކީވުން ނޫންކަމެއް އަޅުގަނޑުމެންނަށް މިވީތަނަށް އިހުސާސް ކުރެވިފައެއް ނެތް" މި ހަރަކާތުގައި އިސްކޮށް އުޅޭ ފަރާތަކުން ބުންޏެވެ.
ރައްޔިތުން އެދޭނަމަ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
ހުޅުދޫ އަދި މީދޫ އަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކާ ވަކިން އޮންނަ ދެ އަވަށެވެ. މެމްބަރު ރޮޒައިނާ އަކީ މީދޫ އަދި މަރަދޫފޭދޫ ތަމްސީލުކުރާ މެމްބަރެވެ. ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރަކީ އިލްޔާސް ލަބީބެވެ.
އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އަދި މީދޫއާ މެދު ތަފާތުކުރުން ގެންގުޅޭތީ މީގެ ކުރިންވެސް އެ ދެ އަވަށުގެ ރައްޔިތުން ވަނީ މި މައްސަލަ ފެންމަތިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ