ރަސްމީ ދީނަކީ އިސްލާމްދީން ނޫން ކަމަށް ކަނޑައަޅަން ހުށަހެޅި ޕެޓިޝަން ބަންގާޅު ކޯޓުން ބޭރުކޮށްލައިފި

ޑާކާ (މާޗް 29): ބަނގުލަދޭޝްގެ ރަސްމީ ދީނުގެ ގޮތުގައި އިސްލާމް ދީން އޮތް އޮތުން ބަދަލު ކުރުމަށް އެދި އެ ގައުމުގެ ބައެއް ރައްޔިތުން ގައުމުގެ ހައިކޯޓަށް ހުށަހެޅި ޕެޓިޝަން އިއްޔެ ކޯޓުން ބޭރުކޮށްލައިފި އެވެ. ހައިކޯޓުން އެޕެޓިޝަން ބޭރު ކުރުމަށް ނިންމީ، ޕެޓިޝަން ހުށަހެޅި ފަރާތްތަކަށް އެފަދަ ޕެޓިޝަނެއް ހުށަހެޅުމުގެ ހައްގު ނެތުމުން ކަމަށް ޑާކާ ޓްރިބިއުންގައިވެ އެވެ. ބަނގުލަދޭޝްގެ ރަސްމީ ދީނަކީ އިސްލާމް ދީން ކަމަށް 1988 ވަނަ އަހަރު ނިންމުމުގެ ފަހުން އެގާނޫނު ބަދަލު ކުރުމަށް އެދި އެގައުމުގެ ބައެއް ރައްޔިތުން ވަނީ މީގެ ކުރިންވެސް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެކަމާ ބެހޭ ގޮތުން ފަހުގެ ދުވަސްވަރެއްގައި މަޝްވަރާ ކުރަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހު، ސުޕްރީމް ކޯޓުގެ ވަކީލެއް ކަމަށްވާ ސަމެންދުރާ ނަތް ގޮސްވާމީ ކޯޓަށް މައްސަލައެއް ވެއްދުމުންނެވެ. އޭނާ ވަނީ، ބަނގުލަދޭޝްއަކީ "ސެކިއުލާ" ގައުމެއް ކަމަށް 2011 ވަނަ އަހަރު ނިންމުމުން ގައުމުގެ ރަސްމީ ދީނަކީ އިސްލާމް ދީން ކަމަށް ވާނެ ގޮތާ ބެހޭ ގޮތުން ސުވާލު އުފައްދާފަ އެވެ. ނަމަވެސް، ހައިކޯޓުން ވަނީ އެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލާފަ އެވެ. ބަނގުލަދޭޝްގެ ހައި ކޯޓުން މައްސަލަ ބޭރުކޮށްފައި ވަނީ އެގައުމުގެ ޖަމާއަތީ އިސްލާމް ޕާޓީން އެޕެޓިޝަނާ ދެކޮޅަށް ގައުމީ ފެންވަރުގައި މުޒާހަރާ ކުރުމަށް ގޮވާލާފައި ވަނިކޮށެވެ. ބަނގުލަދޭޝްގެ އާބާދީގެ 90 ޕަސެންޓު ރައްޔިތުންނަކީ މުސްލިމުންނެވެ. (ޕީޓީއައި)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ