އަށް އަންހެނަކާ ބެހިގެން ޖަލަށްލި މީހާ ހައި ކޯޓުން މިނިވަންކޮށްފި

ހދ. ކުޅުދުއްފުށީގައި އަށް އަންހެނަކާ ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށްލި މީހަކު ހައި ކޯޓުން މިނިވަންކޮށްފި އެވެ.ހދ. ކުޅުދުއްފުށީ މޭބިސްކަދުރުގޭ އަބްދުލްބާރީ އަބްދުއްރަހުމާން ފަސް އަހަރަށް ޖަލަށްލުމާ އެކު 30 އެތި ފަހަރުން ތައުޒީރު ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.ބާރީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.ހައި ކޯޓުގެ ހުކުމުގައި ވަނީ ދައުލަތުން ބާރީގެ މައްޗަށް އުފުލާފައި ވަނީ އަށް މީހަކާ މެދު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުމުގެ ދައުވާ ކަމަށް ވި ނަމަވެސް އޭނާއާ ދެކޮޅަށް ހެކިބަސް ލިބިފައިވަނީ އެންމެ މީހަކާ މެދު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގިކަމަށް ކަމަށެވެ. އެހެންވެ އެންމެ މީހަކާ މެދު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް، އެންމެ މީހަކު ބުނެފައިވާ ބުނުމަކީ ދައުލަތުގެ ދައުވާގައި ބުނާ އަށް މީހަކާ މެދު ބާރީ އެފަދަ އަމަލެއް ހިންގިކަން ސާބިތުވާ މިންވަރަށް ހެކި ލިބޭ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.އެ ހުކުމުގައިވާ ގޮތުން މަންޒަރު ފެނުނު ކަމަށް ހެކިބަސް ދިން މީހާ ފިޔަވައި ދެން ތިބި ހުރިހާ ހެކިން ވެސް ހެކިބަސް ދީފައި ވަނީ ތަހުގީގު ބަޔާނެއް އޮންނާނެ ކަމަށް ބުނެ އެ ބަޔާނާ ހަވާލާދީފަ އެވެ. އަދި އަނިޔާ ލިބުނު ކަމަށް ބުނާ މީހުން ތަހުގީގުގައި ދީފައިވާ ބަޔާނަކީ އެ މައްސަލަ ސާބިތުކުރަން ފުދޭ ހެއްކެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.އުމުރުން 40 ވަރަކަށް އަހަރުގެ ބާރީ އަކީ އެ ރަށު ޖަލާލުއްދީން ސްކޫލުގެ ސަރުދާރެއްގެ ވަޒީފާގައި ހުރި މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރީ އެ ސްކޫލްގައި މަސައްކަތް ކުރާ އަށް އަންހެނަކާ މެދު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުމުގެ ކުށެވެ.ދައުލަތުގެ ދައުވާގައިވާ ގޮތުން 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބާރީ ވަނީ އެ އަންހެނުންތަކާ މެދު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ