ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ގާސިމްގެ ގެ ކޮޅު، މ. ވިލާގައި ހުންނަވަނިކޮށް ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭ ކަމުގެ ތުހުމަތުގައި އެވެ. އަދި ހުކުރު ދުވަހު ގާސިމްގެ ބަންދަށް ވަނީ ހަ ދުވަސް ކްރިނިމިނަލް ކޯޓުން ޖަހާދީފައި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލަ ހައި ކޯޓުުގައި އިސްތިއުނާފު ކުރީ މިއަދު ހެނދުނު ކަމަށެވެ.
ގާސިމް ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި މަޖިލީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށާއި މިމަހުގެ 11 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގާސިމް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް ވެސް ގާސިމް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ވަނީ ރަނގަޅަށް ވައި ލިބޭ ތަނެއްގައި ގާސިމް ބެހެއްޓުމަށް ފުލުހުންނަށް އަންގާފައި އެވެ.
ގާސިމް ރިޝްވަތު ދެއްވި ކަމަށް ކުރާ ތުހުމަތު ތަކާއި ގުޅިގެން އޭނާގެ ވަކީލުންގެ ޓިމުން ބުނެފައިވަނީ ގާސިމް ރިޝްވަތު ދޭކަމުގެ އެއްވެސް ހެތްކެއް ފުލުހުންނަށް ދެއްކިފައި ނުވާކަމަށެވެ. އަދި މަސައްކަތް ކުރަމުން އެ ދަނީ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ބައިވެރިނުވެވޭނެ ގޮތް ހެދުމަށް ކަމަށެވެ.
ގާސިމް ބަންދު ކުރަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ